މާލެ ކައިރީގައި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރިއަށް ކަރަންޓުގެ ހިދުމަތް ސްޓެލްކޯއިން ދޭން ފަށައިފި އެވެ.

މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމުން، އެފަދަ ރަށެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތައް ކުޑަގިރި މިމަހުގެ 26 ގައި ހުޅުވަން ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ތަރައްގީކުރަމުން އަންނަ ކުޑަގިރީގައި ސްޓެލްކޯއާ ހަވާލުކޮށްފައި ވަނީ ކަރަންޓުގެ ހިދުމަތް ދިނުމެވެ.

އެ ކުންފުނިން މިއަދު ބުނީ ކުޑަގިރިއަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މިހާރު ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އެގޮތުން ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާޑެން ލައިޓްތަކެއް ވެސް އެ ކުންފުނިން މިހާރު ހަރުކޮށް ދިއްލާލާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ކުޑަގިރީގައި ހަދާ ކެފޭގެ މަސައްކަތްކުރަނީ. ފޮޓޯ: ސްޓެލްކޯ

އެ ކުންފުނިން ބުނީ ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކުރުމަށް، 3،000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކުޑަގިރީގައި މިހާރު އެ ކުންފުނިން ކުރަމުންގެންދަނީ ރަށަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ހިދުމަތް ދިނުމަށްޓަކައި، އަޅަން ޖެހޭ ކެފޭ ތަރައްގީކުރުމުގެ މަސައްކަތް ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ކުޑަގިރީގައި ކެފޭ ހެދުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. އަދި އެ މަސައްކަތް މި މަހުގެ 26 ގެ ކުރިން ނިންމުމަށް، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން އަންނަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ކުޑަގިރީގައި ސްޓެލްކޯއިން ޑިސްޓްރިބިއުޝަން ފޮއްޓެއް ހަރުކޮށްފައި. ފޮޓޯ: ސްޓެލްކޯ

ކަނޑައަޅާފައިވާ ދުވަހަށް ކުޑަގިރި ހުޅުވުމަށްޓަކައި، ކުރަމުންގެންދާ ހުރިހާ މަސައްކަތެއް ވަރަށް ގާތުން ނައިބު ރައީސް ފައިސަލް ނަސީމްއާއި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ބައްލަވަމުން ގެންދަވާއިރު، ބުރާސްފަތި ދުވަހު ނައިބް ރައީސް ފައިސަލް އާއި، މެނޭޖިން ޑިރެކްޓަރު ޝަރީފް ވަނީ ކުޑަގިރިއަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވައިފަ އެވެ.