މާލޭގައި މިނި ބަހުގެ ހިދުމަތް ދޭން އެމްޓީސީސީން 36 ބަސް މިއަދު ގެނެސްފި އެވެ.

ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ހުރިހާ"އަށް ވިދާޅުވީ އިތުރު ހަ ބަސް އަންނަ ހޯމަ ދުވަހު މާލެ އަންނާނެ ކަމަށެވެ.

އެމްޓީސީސީން މިފަހަރު ގެނައި ޖުމްލަ 50 މީހުންނަށް ދަތުރުކުރެވޭ ސައިޒުގެ ބަހެވެ. މިނީ ބަހުގައި އިށީނދެގެން 22 މީހުންނަށް ތިބެވެ އެވެ.

މާލޭގައި މިނި ބަސް ދަތުރުތައް ފަށަން ނިންމާފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

އެމްޓީސީސީ މާލޭގައި މިނި ބަހުގެ ހިދުމަތް ދޭން ގެނައި ބަސްތައް މާލޭގެ ބަނދަރުގައި. ފޮޓޯ: އެމްޓީސީސީ

އާޒިމް ވިދާޅުވީ މާލެތެރޭގައި ދުއްވާ ބަސްތައް ކޮންމެ ދިހަ މިނެޓަކުން ދަތުރުކުރާނެ ކަމަށެވެ. އަދި މާލޭގެ އިތުރުން އައްޑު އާއި ފުވައްމުލަކުގެ އިތުރުން ލ. އަތޮޅުގައި ވެސް މިނީ ބަހުގެ ހިދުމަތް ދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާލޭގައި ކޮންމެ ދިހަ މިނެޓަކުން ދަތުރުކުރެވޭނެ. އަދި ވަރަށް އަވަހަށް ދަތުރުކުރާނެ ރޫޓުތަކާއި ދަތުރުތަކުގެ އަގާއި ގަޑިތައް އިއުލާންކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގައި ދެ ފަރާތުގައި ވެހިކަލް ޕާކުކުރާ ނަމަ ބަސް ދުއްވަން އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށެވެ. އަދި އެކަން ހައްލުކޮށްދިނުމަށް ސިޓީ ކައުންސިލްގައި އެދިފައިވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީ މާލޭގައި މިނި ބަހުގެ ހިދުމަތް ދޭން ގެނައި ބަސްތައް މާލޭގެ ބަނދަރުގައި. ފޮޓޯ: އެމްޓީސީސީ

"މި ހިދުމަތް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް އާއްމުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވޭ. ހާއްސަކޮށް މަގުގެ ދެފަޅީގައި ޕާކުކުރުމުގެ މައްސަލަ އެބަ ޖެހޭ ހައްލުވާން،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުންވޭ ބަސްތައް މަޑުކުރާ ތަންތަނުގައި ހިޔަލެއް ހަދަން. އެކަމަށް ހުއްދަ ހޯދަން އެދި ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވާނެ."

އާޒިމް ވިދާޅުވީ މާލޭގައި މިނި ބަހުގެ ހިދުމަތް ދޭން 12 ބަސް ދުއްވާނެ ކަމަށެވެ. އަދި މިނި ބަހުގެ ހިދުމަތް ދޭން ނިންމާފައިވާ ތިން އަތޮޅުގައި ދުއްވަން ބޭނުންކުރާނެ ބަސްތައް ވަރަށް އަވަހަށް ފޮނުވަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިގެންދަނީ މި ބަސްތައް ދުއްވާނެ ޑްރައިވަރުން ވެސް ތަމްރީނުކުރަމުން. މިއާއެކު މާލެ ސަރަހައްދުގައި ބަސް ދުއްވަން 160 އެއްހާ ޑްރައިވަރުން ހަރަކާތްތެރިވާނެ،" އާޒިމް ވިދާޅުވި އެވެ.

އެމްޓީސީސީން މިހާރު ވެސް މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭ ގޮތަށް ބަހުގެ ހިދުމަތް ދެމުންނެވެ. އެގޮތުން ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 12:15 އާ ކޮންމެ ދިހަ މިނެޓަކުން ބަހެއް ދަތުރުކުރެ އެވެ.

"އާރުޓީއެލް"ގެ ނަމުގައި އެމްޓީސީސީން ދެމުން އަންނަ ދަތުރުފަތުރުގެ މަޝްރޫއަށް 800 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.