މޯލްޑިވިއަން ނާސިން އެސޯސިއޭޝަން (އެމްއެންއޭ) އާއި އީބީޕީ ހެލްތު ޗެމްޕިއަންސް މޯލްޑިވްސް (އީބީޕީއެޗްސީ މޯލްޑިވްސް) ގުޅިގެން ބާއްވާ 2022 ވަނަ އަހަރުގެ "އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތުކެއާ ޕްރޮފެޝަނަލްސް" (އައިޖޭސީއެޗްޕީ 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މި ކޮންފަރެންސް އޮންނާނީ ޖުލައި 18 އިން 20 ގެ ނިޔަލަށް ބަންޑޮސް މޯލްޑިވްސްގަ އެވެ.

މި އަހަރުގެ ކޮންފަރެންސްގެ ޝިއާރަކީ "މޫވިން ފްރޮމް ސައިލޯސް ޓު ސިނާޖީ އިން އެވިޑެންސް ބޭސްޑް ޕްރެކްޓިސް" އެވެ.

މި ޝިއާރުގެ ދަށުން ބައިވެރިންނަށް އެހެން ތަފާތު ސިއްޙީ ފަންނުތަކުގެ މުވައްޒަފުންނާއި އެކު މަޝްވަރާތައްކޮށް، ތަސައްވުރު ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި އަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ސިއްޙީ ތަޖުރިބާކަރުންނާއި ޔުނިވާސިޓީތަކާއި ދަރިވަރުންނާއި ރިސާޗަރުންނާއި ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުން އަދި ކޮންސަލްޓަންޓުން ހިމެނެ އެވެ. އަދި މި ކޮންފަރެންސްގެ ޒަރިއްޔާއިން މި ފަރާތްތަކަށް ރާއްޖޭގެ މިހާރުގެ އަދި މުސްތަގުބަލުގެ ސިއްހީ ދާއިރާ އަދި ޚިދުމަތްތެރިންނާއި ގުޅުންހުރި މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެ އެވެ.

ރާއްޖޭގެ އަސާސީ ހިދުމަތްދޭ ދާއިރާތައް ކުރިއެރުވުމަށް ޖަމުޢިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކުރާ މަސައްކަތްތަކަށް ދިރާގުން އަބަދުވެސް ދަނީ ޚާއްސަ އަހައްމިއްޔަތުކަމަކާއި އެއްބާރުލުންދެމުންނެވެ.