ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ހަރުދަނާ ލީޑަޝިޕަށް ޗަމްޕާ ހުސައިން އަފީފު ތައުރީފްކުރައްވައިފި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މަޓީން އިއްޔެ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުން ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވުމުގައި އިސް ދައުރެއް އަދާކުރެއްވި އަފީފު ވަނީ ކޮވިޑްގެ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގައި ރައީސް ސޯލިހުގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ކޮވިޑްގެ ދަތި އުނދަގޫ އަހަރުތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް މި ފުރުސަތުގައި އަޅުގަނޑު ރައީސް ސޯލިހަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. ރައީސްގެ ލީޑަޝިޕުން ވަނީ އެ ހާލަތުން އަރައިގަތުމަށް މުޅި ގައުމު ވަނީ އެކަތިގަނޑަކަށް ހައްދަވާފައި،" އޭނާ ވިދާޅުވި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަފީފް ވިދާޅުވީ ކޮވިޑާ ދެކޮޅަށް މުޅި ރާއްޖެ ގުޅިގެން، އެކަމުން އަރައިގަތުމަށް މަސައްކަތް ކުރެވުނީ ރައީސް ސާލިހު ދެއްކެވި ލީޑަޝިޕްގެ ސަބަބުން ކަމަށެވެ. އަދި އިގްތިސާދީ ހިނާރުކަމުން އަރައިގަތުމަށް ސަރުކާރާއި ޕްރައިވެޓް ސެކްޓަ ގުޅިގެން ކުރި މަސައްކަތަކީ ނަމޫނާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑުން އަރައިގަނެ، އިގްތިސާދު ކޮޅަށް ޖެހުމަށް ރާއްޖެއިން ކުރި މަސައްކަތަށް އަފީފްގެ އިތުރުން ވެސް ގިނަ ފަރާތްތަކަކުން އަންނަނީ ރައީސް ސޯލިހު ގެންގުޅުއްވި ހަރުދަނާ ސިޔާސަތަށް ތައުރީފު ކުރަމުންނެވެ.