އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ނިޒާމް ހަމަޖައްސައިފި އެވެ.

ނިޒާމު އެ މަގާމަށް ހަމަޖައްސާފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު މިހާދު މިދިޔަ މަހުގެ 30ގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ހއ. ހޯރަފުއްޓަށް އުފަން ނިޒާމަކީ ފައިނޭންސް އަދި އެކައުންޓިން ދާއިރާއިން މާސްޓާސް ހާސިލްކުރައްވާފައިވާ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ އެސްޓީއޯގައި މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ދަށުން ހިންގާ ގިނަ ސަބްސިޑަރީތަކުގެ ބޯޑުގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.

އެސްޓީއޯގެ ކުރީގެ ސީއެފްއޯ މުހައްމަދު މިހާދު.

މިހާދު ސީއެފްއޯގެ މަގާމުން ވަކިވީ ދުނިޔޭގެ އެންމެ ބޮޑު އޮޑިޓްފާމް ކަމަށްވާ ކޭޕީއެމްޖީގެ ޕާޓަނަރަކަށް ހަމަޖެއްސުމާ ގުޅިގެންނެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

އުމުރުން 26 އަހަރުގައި އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ވަޑައިގެންނެވި މިހާދު އަކީ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި މި ވަގުތު ހުންނެވި އެންމެ ޒުވާން ސީއެފްއޯ އެވެ. ޗާޓެޑް އެކައުންޓަންޓެއްގެ ގޮތުގައި ހުންނެވި މިހާދު ވަނީ އެސްޓީއޯގައި އެގާރަ އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.