ދައުލަތުގެ ބަޖެޓުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ ފައިސާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވުމުން އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކޮށް ގަބޫލުކުރެވެން ނެތްކަމަށް ވިލިފުށީ ދާއިރާ މެންބަރު ހަސަން އަފީފު މިއަދު ވިދާޅުވެއްޖެ އެވެ.

ބަޖެޓް ރިޕޯޓާ ގުޅޭ ގޮތުން މަޖިލިހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަފީފު ވިދާޅުވީ މި ބަޖެޓަކީ ޑެފިސިޓު ވަރަށް ބޮޑު ބަޖެޓެއް ކަމަށެވެ. އަދި މަޖިލިހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ގެނައި ބަދަލުތަކާއެކު ބަޖެޓުގެ ޑެފިސިޓު ކުރިއަށްވުރެ ކުޑަކުރެވުނު ނަމަވެސް އަދިވެސް ބަޖެޓުގެ ޑެފިސިޓު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކުރިމަތީ އޮތް ބަޖެޓަކީ ވަރަށް ޑެފިސިޓު ބޮޑު ބަޖެޓެއް. އިއްޒަތްތެރި ފިނޭންސް މިނިސްޓަރު އެބަ ވިދާޅުވޭ ފައިސާ ލިބޭނޭ. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭކަށް ނެތް އިއްޒަތްތެރި ފައިނޭންސް މިނިސްޓަރު ފައިސާ ލިބޭނޭ ވިދާޅުވީމަ ލިބޭނެ ކަމަށް. އެ ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެންނަށް އެބެޖެހޭ އެނގެން. ކޮންތާކުން ކިހިނެއްތޯ ހޯދަނީ" އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓް ޑެފިސިޓް ފޫބައްދަން އެ ފައިސާ ލިބެނީ ކިހިނެއްކަން އަދި ހޯދަނީ ކިހިނެތްކަން ތަފުސީލުކޮށް ވިދާޅުވެދެއްވަން ޖެހޭ ކަމަށެވެ. އަދި ސުކޫކު ވިއްކައިގެން ފައިސާ ހޯދާ ވާހަކަ ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް 2020 ވަނަ އަހަރު ވެސް ސުކޫކާއި ބޮންޑު ވިއްކައިގެން ފައިސާ ހޯދުމަށް ބަޖެޓުގައި ހިމެނި ކަމަށާއި، މިހާތަނަށް އައިއިރު ސުކޫކާއި ބޮންޑު ވިއްކިވިފައި ނެތް ކަމަށް އަފީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޖެޓުގައި ކަންތައްތަކެއް ހިމެނުއްވިދާނެ ކަމަށާއި، ނަމަވެސް އެކަންކަން ނުކުރެވުމުން ރައްޔިތުންގެ ހިތްތަކުގައި އުފެދޭ މާޔޫސްކަން މާބޮޑު ކަމަށެވެ.