Advertisement

ގެސްޓްހައުސްތަކަށް 28.9 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ: ގޭމް

FacebookTwitterWhatsAppTelegramViber

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ގެސްޓްހައުސްތަކަށް 28.9 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ލަފާކޮށްފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނީ، ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ގެސްޓްހައުސް ސިނާއަތަށް ކުރާނެ އަސަރުތައް ދެނެގަތުމަށް އެ ޖަމިއްޔާ އިން ސާވޭއެއް ކޮށްފައިވާ ކަމަށެވެ.

އެ ސާވޭގެ ނަތީޖާ ހާމަކުރަމުން ގޭމް އިން ބުނީ، ގިނަ ގެސްޓްހައުސްތަކަކީ ލޯނު ނަގައިގެން ހަދާފައިވާ އަދި ބިމު ކުލީގެ ގޮތުގައި ވެސް ބޮޑު އަދަދެއްގެ ފައިސާ ދައްކާ ތަންތަން ކަމަށެވެ. އަދި ފެނާއި ކަރަންޓް ފަދަ ހިދުމަތްތަކަށާއި ސަރުކާރަށް ދައްކަންޖެހޭ އެކި ޓެކްސްްތަކަށް އާމްދަނީގެ 26 އިންސައްތަ މިދިޔަ އަހަރު ހޭދަކޮށްފައިވާއިރު، މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ހިންގުމުގެ ހަރަދުތަކަށް މިދިޔަ އަހަރުގެ އާމްދަނީގެ 56 އިންސައްތަ ހޭދަކޮށްފައިވާ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.

"މިވަގުތު ގެސްޓްހައުސްތަކުގެ ވިޔަފާރި ހުއްޓިފައިވީ ނަމަވެސް، މަހުން މަހަށް ދައްކަންޖެހޭ ކުއްޔާއި މުވައްޒަފުންގެ މުސާރަ ދައްކަންޖެހޭ ބިލްތައް އަދި ސަރުކާރަށް ދައްކަންޖެހޭ އެކިއެކި ޓެކްސްތައް ދައްކަމުން އެބަގެންދަންޖެހެ އެވެ. އަދި މިހާރު އޮތް ހާލަތުން އަރައިގަނެ، ގެސްޓްހައުސް ވިޔަފާރި ދެން ފަށައިގަނެވޭނެ މުއްދަތެއް އަންދާޒާކޮށްލަން ދަތިނަމަވެސް، ލަފާކުރެވޭ ގޮތުގައި ރަނގަޅު ގޮތެއްގައި ހިނގައިގަންނާނީ އަދި މަދުވެގެން ހައެއްކަ މަސް ފަހުން ކަމަށްވާތީ، ހަމައެކަނި އެ ހައެއްކަ މަސް ތެރޭގައި އެކަނި ވެސް ގެސްޓްހައުސް ވިޔަފާރި އަށް ގާތްގަނޑަކަށް 28.9 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް އަޅުގަނޑުމެންގެ ސާވޭ އިން އަންދާޒާކުރެވިފައިވެ އެވެ،" ގޭމްގެ ބަޔާނުގައިވެ އެވެ.

ގޭމް އިން ބުނީ، ކިތަންމެ ބޮޑު ގެއްލުމެއް ލިބެމުންދިޔަ ނަމަވެސް، ގެސްޓްހައުސްތައް ބަންދުކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެ ޖަމިއްޔާ އިން މަރުހަބާ ކިޔާ ކަމަށާއި އެ ނިންމުންތައް ތަންފީޒުކުރުމަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. އެއީ، އެ ޖަމިއްޔާ އިން ބުނި ގޮތުގައި، މާލީ މަންފާ އަށް ވުރެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަމެއް ދޭތީ އެވެ.

"އަދި މިކަމުން އަރައިގަނެ ގެސްޓްހައުސްތަކުގެ ހިދުމަތް ދެން ފަށައިގަންނަން ޖެހޭނީ ހަމަ ސުމަކުންކަން ވެސް އެނގި ތިބެ އެވެ،" ބަޔާނުގައިވެ އެވެ.

ސަރުކާރުން ވަނީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލާތުގެ ދަށުން ރާއްޖޭގައި ހިންގާ ހުރިހާ ގެސްޓްހައުސްތަކެއް ބަންދުކޮށްފަ އެވެ. އަދި އެކްސްކާޝަންތަކަށް ދިއުމާއި އެއް ރަށުން އަނެއް ރަށަށް ޓޫރިސްޓުން ގެންދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮވިޑް-19 މުޅި ދުނިޔޭގައި ފެތުރެމުންދިއުމާ ގުޅިގެން، ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކެއް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާ އެކު މިހާރު ފެތުރި އަދި ރާއްޖެ އިން ވެސް ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސް، ރާއްޖޭގެ އިގްތިސާދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ އައިސްފަ އެވެ. ހާއްސަކޮށް، ރާއްޖޭގެ އެންމެ ބޮޑު ޓޫރިސްޓް މާކެޓް ކަމަށްވާ ޗައިނާ އަދި ދުވަސްވީ މާކެޓްތައް ކަމަށްވާ ދެކުނު ކޮރެއާ، އިޓަލީ، ފްރާންސް، ޖަރުމަނު އަދި އިނގިރޭސި ވިލާތުން އަންނަ ފްލައިޓްތަކާއި ޓޫރިސްޓުން ރާއްޖެ އައުން މަނާކުރުމާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު، 22.8 އިންސައްތަ ވަނީ ދަށަށް ގޮސްފަ އެވެ. އަދި ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 161،740 ބެޑްނައިޓް ވަނީ ކެންސަލްވެފަ އެވެ.

މި އަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު، 12 އިންސައްތަ އާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. ކުރިން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން އަށް އިންސައްތަ ކުރިއަރާނެ ކަމަށެވެ.

މި އަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގަ އެވެ.

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ ރިސެޝަނަކަށް ދާނެ ކަމުގެ ބިރު ވެސް އެ މަނިކުފާނު ވަނީ ފާޅުކުރައްވާފަ އެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލި ޖެހިފައިވާ 13 މީހަކު ރާއްޖެ އިން ފެނިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅު ވެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top