Advertisement

އެޗްޑީއެފްސީގެ ލޯނުތަކާއި ސްޓޫޑަންޓް ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްދެނީ

FacebookTwitterWhatsAppTelegramViber

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކޮށްފައިވާ ހައުސިން ލޯނުތަކާއި ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމައިފި އެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެޗްޑީއެފްސީން ދޫކޮށްފައިވާ ހައުސިން ލޯނުތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދޭން އެ ކުންފުނިން މިހާރު ނިންމާފައިވާ ކަމަށެވެ.

ހަމަ އެއާ އެކު، ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑަންޑް ލޯނުތައް ދެއްކުން ވެސް ހަ މަސްދުވަހަށް ފަސްކޮށްދީފައިވާކަން ރައީސް އިއުލާންކުރެއްވި އެވެ. ހަަމަ އެއާ އެކު، މި އަހަރުގެ ސްޓޫޑަންޓް ލޯނު ސްކީމަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ ކުރިން ސަރުކާރުން ވަނީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދީފައިވާކަން އިއުލާނުކޮށްފަ އެވެ. އެހެން ނަމަވެސް، އެކަމުގެ ތަފްސީލް އެ ބޭންކުން އަދި ހާމައެއް ނުކުރެ އެވެ.

މި އަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި ޖީޑީޕީ ކުރިއަރާނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު، މި އަހަރުގެ ތެރޭގައި ޖީޑީޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތަ އާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގަ އެވެ.

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ ރިސެޝަނަކަށް ދާނެ ކަމުގެ ބިރު ވެސް އެ މަނިކުފާނު ވަނީ ފާޅުކުރައްވާފަ އެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ބަލި ޖެހިފައިވާ 13 މީހަކު ރާއްޖެ އިން ފެނިފައިވާއިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅު ވެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top