މާލެ ސަރަހައްދުގައި 100 މެގަވޮޓްގެ ކަރަންޓު އުފެެއްދޭނެ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފެށުމައް ތައްޔާރުވަމުން އަންނަ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފި އެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޓިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މި ޕްރޮޖެކްޓްގައި ފުރުތަމަ ނިންމާފައި އޮތީ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދިނުމަށް ކަމަށެވެ. ނަަމަވެސް މިހާރު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން 70 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މަޝްރޫޢޫގެ ފައިނޭންޝިއަލް މޮޑަލްއަކީ ކޮބައިކަން ބަލަމުން މި އަންނަނީ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށައެޅުމަށް ވަރަށް އަވަހަށް ހުޅުވާލެވޭނެ. އުއްމީދަކީ މި މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަހު ފަށައިގަތުން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަށް އަޅާ އިންޖީނު ގެއަކީ 100 މެގަވޮޓްގެ ކަރަންޓު އުފެއްދޭ ކެޕޭސިޓީގެ އިންޖީނުގެއެއް ކަމަށާއި އިންޖީނުގެ އެޅުމަށްޓަކައި ޓެކްނިކަލް މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. މިގޮތުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާ ގުޅިގެން މި މަޝްރޫޢުގެ ޓެކްނިކަލް މަޢުލޫމާތުތައް އެއްކުރުމާއި މަސައްކަތުގެ ކޮންސަލްޓެއް ނެގުމުގެ މަސައްކަތްތައް ކުރމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މި މަޝްރޫއު ނިމުމުން 2030ގެ ކުރިން ކަރަންޓުގެ އުފެއްދުން އިތުރުކުރަން މަސައްކަތް ކުރަންޖެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މި މަޝްރޫޢު ކުރިއަށްގެން ދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސްޓޭލްކޯއިން ތަރައްގީކުރި "ފިފްތު ޕަވާ ޕްރޮޖެކްޓް"ގެ އިންޖީނުގެއާ، އިންވެގެން އޮތް ބިމުގަ އެވެ.

އެތަނަކީ މިހާތަނަށް އެއް އިމާރާތެއްގައި ޚިދުމަތް ދޭ އެންމެ ބޮޑު އިންޖީނުގެ އެވެ. ކުރީގެ ސަރުކާރުން ހެދި އެ އިންޖީނުގޭގައި 50 މެގަވޮޓްގެ ކަރަންޓު ދެވޭ ކެޕޭސިޓީ ވަނީ ގާއިމުކޮށްފަ އެވެ.

ސްޓެލްކޯއިން މާލެއަށް ކަރަންޓުދިނުމަށް، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމުގެ ހަތަރު މަޝްރޫއެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވެ އެވެ. ނަމަވެސް ސްޓެލްކޯގެ މާލޭގެ އިންޖީނުގޭގެ މުޅި ކެޕޭސިޓީ ވެސް 100 މެގަވޮޓަކަށް އަދި ނާރަ އެވެ.

ސްޓެލްކޯއިން ތައްޔާރުވަމުން އަންނަނީ މާލޭގެ އިތުރުވަމުން އަންނަ އާބާދީ އާއި އަދި ކުރިމަގުގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ އާބާދީއަށް އަންނާނެ ބޮޑެތި ބަދަލުތަކަށް ބަލައިގެންނެވެ.