ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) މިނި ބަހުގެ ޙިދުމަތް މާލޭގައި ދޭނީ ދެ ރޫޓަކުން ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި މިނި ބަހުގެ ގޮތުގައި 12 ބަސް އޮންނާނެ ކަމަށެވެ. ނަމަވެސް އަލަށް ދަތުރުކުރާ ރޫޓަކީ ކޮބައި ކަމެއް އަދި ދަތުރުގެ އަގެއް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ބުނީ މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ބަހުގެ ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާ ކަމަށެވެ. މިގޮތުން މިމަހުގެ 16 ވަނަ ދުވަހު ފުރަތަމަ ޝިޕްމަންޓްގައި 36 ބަސް ވަނީ ރާއްޖެ ގެނެސްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އިތުރު 5 ބަސް މި މަހު ފަހުކޮޅު ގެނައުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން މިނި ބަހުގެ ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ، އައްޑޫ، ފުވައްމުލައް، އަދި ލ. ގަން، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގަ އެވެ.

އާރުޓީއެލްގެ ޙިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރުޓީއެލް ފެރީގެ ހިދުމަތް ދިނުމާއި އާރުޓީއެލް ބަހުގެ ހިދުމަތް ދިނުމެވެ. މިގޮތުން، ހދ. އަދި ހއ. އަތޮޅަށް އާރުޓީއެލް ފެރީގެ ޙިދުމަތް ދޭން ވަނީ ފަށައިފަ އެވެ. އަދި ށ. އަތޮޅަށް ފެރީ ޙިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އާރުޓީއެލްގެ ނަމުގައި މާލެ ތެރޭގައި ބަހުގެ ހިދުމަތް ދޭން އެމްޓީސީސީން ގެނައި ބަސްތަކެއް. ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބުނީ އަލަށް ގެނައި ބަސްތަކުގައި 18 ނުވަތަ 20 މީހުންގެ ޖާގަ ހުންނާނެ ކަމަށެވެ. ބަހުގެ ހިދުމަތް ދޭން ފެށުމާއެކު، ޖުލައި1، 2021 ވަނަ ދުވަހު އެމްޓީސީސީން ހަވާލުވެފައި އޮތް އަތޮޅު ތެރޭގެ ބަހުގެ ހިދުމަތް ފެށިގެންދާނެ ކަމަށެވެ. އަދި މާލެ ސިޓީ ތެރޭގައި ދުއްވާ ބަހުގެ ހިދުމަތް ފެށިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.