Advertisement

ބީއެމްއެލްގެ ލޯނުތައް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދީފި

FacebookTwitterWhatsAppTelegramViber

ސަރުކާރުގެ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށާއި ލޯނު ދައްކަން ފަށާ ހަ މަސްދުވަހު ދައްކަންޖެހޭ އަދަދު 20 އިންސައްތަ މަދުކޮށްދިނުމަށް ބީއެމްއެލް އިން ނިންމައިފި އެވެ.

މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލް އިން ވަނީ މި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަސްދުވަހަށް ފަސްކޮށްފަ އެވެ. މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓަށް ވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެތީވެ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތައް ވެސް ވަނީ ހަ މަސްދުވަސް އިތުރު ކުރެވިފަ އެވެ.

މީގެ އިތުރުން، ލޯނު ދެއްކުން ފަސްކުރާ ހަ މަހަށް ފަހު، ޖެހިގެން އަންނަ ހަ މަސްދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު 20 އިންސައްތަ މަދުކޮށް ދެއްކުމުގެ ފުރުސަތު ވެސް ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލްގެ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް މާޗު 1 އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރުސަތު ލިބޭނެ އެވެ.

ލޯނު އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުމެވެ. މިގޮތުން، މާޗު މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ލޯނުގެ ފައިސާ ފަހުން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ އެވެ. ދަައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޓިޑް ކާޑާއި އޯވަޑްރާފްޓަށް ދައްކަންޖެހޭ ފައިސާ ނުހިމެނެ އެވެ.

ލޯނު އަނބުރާދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ހަ މަސްދުވަހު ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް މި ހަ މަސްދުވަހު ދަައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް މި ހަ މަސް ދުވަހު ލޯނުގެ އިންޓަރެސްޓަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކަން ޖެހޭނެ އެވެ.

ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލެއް ގެނެވިފައެއް ނުވެ އެވެ. އެހެންކަމުން، މިހާރު ވެސް ލޯނަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލޯނަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަަސްކުރުމުގެ ފުރުސަތު ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެ ފުރުސަތު ފަހިކޮށްދީ އަދި ވަކިން ހާއްސަކޮށް ފަރުދުންނަށް އޮންލައިންކޮށް މިކަމަށް އެދި ހުށަހެޅޭނެ ގޮތް އަންނަ ހަފްތާގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top