Advertisement

ބީއެމްއެލް އިސްލާމިކްގެ ފައިނޭންސިން އަނބުރާދެއްކުން ވެސް 6 މަހަށް ފަސްކޮށްފި

FacebookTwitterWhatsAppTelegramViber

ސަރުކާރުގެ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް އިން ނަގާފައިވާ ފައިނޭންސިންތަކަަށް ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމައިފި އެވެ.

މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލް އިން ވަނީ މި ފަރާތްތަކުން ނަގާފައިވާ ފައިނޭންސިންތަކުގެ ޕްރިންސިޕަލް އަދި ޕްރޮފިޓް/ލީސް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަސްދުވަހަށް ފަސްކޮށްފައެވެ.

ބީއެމްއެލް އިސްލާމިކްގެ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ފައިނޭންސިންތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް މާޗު 1 އިން ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެ އެވެ.

ފައިނޭންސިން އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ފައިނޭންސިން އަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުމެވެ. މިގޮތުން، މާޗު މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ފައިނޭންސިންގެ ފައިސާ ފަހުން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ އެވެ.

ފައިނޭންސިން އަނބުރާ ދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ހަ މަސްދުވަހު ފައިނޭންސިންގެ ޕްރިންސިޕަލް އަދި ޕްރޮފިޓް/ލީސް މި ހަ މަސްދުވަހު ދަައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް މި ހަ މަސްދުވަހު ލޯނުގެ ފައިނޭންސިން އަށް ވާ ފައިސާ ފައިނޭންސިންގެ އަދަދަށް އިތުރުކުރެވި ފައިނޭންސިންގެ ބާކީ މުއްދަތުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ދައްކަން ޖެހޭނެ އެވެ.

ފައިނޭންސިންތަކުގެ ޕްރޮފިޓް/ލީސް ރޭޓް އަދި ފައިނޭންސިން އަނބުރާ ދެއްކުމުގެ މުއްދަތައް ބަދަލެއް ގެނެވިފައެއް ނުވެ އެވެ. އެހެންކަމުން، މިހާރު ވެސް ފައިނޭންސިން އަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފައިނޭންސިން އަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ފައިނޭންސިން އަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަަސްކުރުމުގެ ފުރުސަތު ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެ ފުރުސަތު ފަހިކޮށްދީ އަދި ވަކިން ހާއްސަކޮށް ފަރުދުންނަށް އޮންލައިންކޮށް މިކަމަށް އެދި ހުށަހެޅޭނެ ގޮތް އަންނަ ހަފްތާގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

scroll to top