ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "ބީއެމްއެލް ކޮމިއުނިޓީ ފަންޑު" ގެ ދަށުން ތ. ކިނބިދޫ އަދި ނ. ލަންދޫގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފި އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތ. ކިނބިދޫގައި ވަނީ ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށްފަ އެވެ. އަދި އެ ރަށުގެ ރައްޔިތުންނާއި ކިނބިދޫ ސްކޫލު ކުދިންނަށް ބޭނުން ކުރެވޭނެ ގޮތަށް އެ ސަރަހައްދުގައި ވަނީ ހަޓް، ޖޯލި، ބެންޗު އަދި އައުޓްޑޯ ޝަވަރެއް ބަހައްޓާފަ އެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އައިޝަތު ސަމާ ވިދާޅުވީ ރަށުގައި މޫދަށް އެރުމަށް ހާއްސަ ބީޗު ސަރަހައްދެއް ނެތުމުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސްއުޅުމާއި މުނިފޫހިފިލުވުމުގެ ހަރަކާތަތަކަށް އާންމު ގޮތެއްގައި ކައިރި ރަށްރަށަށް ދަތުރުކުރަން މަޖުބޫރުވާ ކަމަށެވެ.

"މި ސަރަހައްދު ތަރައްގީވުމާއެކު، މިއީ އެންމެނަށް ވެސް ބޭނުންކުރެވެނެ ތަނެއް،" އޭނާ ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ލަންދޫގައި ހެދި ބާބަކިއު ސަރަހައްދު.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ލަންދޫގައި ވަނީ ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކޮށްފަ އެވެ. އެ ސަރަހައްދުގައި ވަނީ ބެންޗު، އުނދޯލި، އަދި ހަޓު ބަހައްޓާފަ އެވެ. މި ބާބަކިއު ސަރަހައްދުގައި މިނީ ލައިބްރަރީ އަކާއެކު ކެންޓީނެއް އަދި ތަކެތި ރައްކާކުރުމަށް ސްޓޯރެއް ވަނީ ގާއިމްކުރެވިފަ އެވެ.

ކޮމިއުނިޓީ ފަންޑު ޕްރޮޕޯސަލް ކާމިޔާބު ކުރި އަހުމަދު ރަޝީދު ވިދާޅުވީ މި ބާބަކިއު ސަރަހައްދު ހެދުމުގެ އެންމު ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.

" މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓާއަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.