ވެލާ ޕްރައިވެޓް އައިލެންޑުން ސާވިސް ޗާޖުގެ ގޮތުގައި މިމަހު ކޮންމެ މުވައްޒަފަކަށް 1،684 ޑޮލަރު (25،967ރ.) ދޭން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ އަގުބޮޑު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ވެލާއަކީ މުވައްޒަފުންނަށް އަބަދުވެސް އެންމެ ގިނަ އަދަދަކަށް ސާވިސް ޗާޖު ދޭ އެއް ރިސޯޓެވެ. އަދި ކޮވިޑް ތެރޭގައި ބަންދުނުކޮށް ހިންގި މަދު ރިސޯޓުތަކުގެ ތެރޭގައި އެ ރިސޯޓު ހިމެނެ އެވެ.

ނ. އަތޮޅުގައި ހިންގާ ވެލާގެ އިތުރުން ބ. އަތޮޅުގައި މަތީ ފެންވަރު ރިސޯޓު، ނައުޓިލަސް މޯލްޑިވްސް އިން ވެސް ސާވިސް ޗާޖުގެ ގޮތުގައި މިމަހު ކޮންމެ މުވައްޒަފަކަށް 1،334 ޑޮލަރު (20،570ރ.) އަދި މާލެ އަތޮޅުގައި އޮންނަ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1،114 ޑޮލަރު (17،177ރ) ދޭން ނިންމާފައިވެ އެވެ.

"ހުރިހާ"އަށް މިހާތަނަށް އެނގިފައިވާ ގޮތުގައި 1،000 ޑޮލަރުން މަތިން ސާވިސް ޗާޖު ދިނީ ވަރަށް މަދު ރިސޯޓަކުންނެވެ. ނަމަވެސް އެ ރިސޯޓުތައް މުޅިން ސާފުވާ ގޮތެއް ނުވެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑު ބަންދުކުރުމަށްފަހު އަލުން ހުޅުވުމާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 32،241 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 74.9 ޕަސެންޓް ދަށް އަދަދެކެވެ.