މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިލިއަނަކާ ކައިރިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް ވަނީ 900,808 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 572,123 ޓޫރިސްޓުންނެވެ.

ރާއްޖެއަށް މިދިޔަ އަހަރު މުޅި ޖުމްލަ އައިސްފައި ވަނީ 1.3 މިލިއަން ޓޫރިސްޓުންނެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުުން އިއްޔެގެ ނިޔަލަށް 87,597 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޔޫރަޕުގެ ހޫނު މޫސުމާ ދިމާކޮށް މިމަހު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިހާރު ދުވާލަކު އެވްރެޖްކޮށް 4,380 ޓޫރިސްޓުން އާދެ އެވެ. މިދިޔަ މަހު އެ އަދަދު ހުރީ 3,696 ގަ އެވެ.

މީގެ އިތުރުން ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު ވެސް ވަނީ 8.1 ދުވަހަށް އިތުރުވެފަ އެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އެ ގައުމުން އެކަނި 132,151 ޓޫރިސްޓުން މިއަހަރުގެ މިހާތަނަށް އައިސްފައިވެ އެވެ. މިއީ ރާއްޖެ އަންނަ ޓޫރިސްޓުންގެ 14.7 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 104,667 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މާކެޓްގެ 11.6 ޕަސެންޓެވެ. ތިންވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެ ގައުމުން 94,151 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މާކެޓްގެ 10.5 ޕަސެންޓެވެ.