ދިވެހީން ޕާސަނަލް ލޯނާއި ކްރެޑިޓަށް ތަކެތި ނަގާ އަދަދު ރިކޯޑް މިންވަރަކަށް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެރުނު މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ އިކޮނޮމިކް ބްލެޓިންގައި ފާހަގަކޮށްފައިވާ ގޮތުގައި ޕާސަނަލް ލޯނުގެ ގޮތުގައި ދަރަނި ނެގުން 20 ޕަސެންޓަށް މިހާރު އިތުރުވެފައިވާ ކަމަށެވެ. ރެކޯޑު މިންވަރަކަށް ޕާސަނަލް ލޯނު ނަގާ މިންވަރު އިތުރުވީ ކްރެޑިޓް ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމާއި ދަރަންޏަށް ނުވަތަ އިންސްޓޯލްމަންޓަށް މުދާ ހޯދުން އިތުރުވުމާ ގުޅިގެން ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިން އާންމުކޮށް ކްރެޑިޓަށް ނަގާ ތަކެތީގެ ތެރޭގައި ހިމެނެނީ ސައިކަލާއި ސްމާޓްފޯނާއި ފަރުނީޗަރުގެ އިތުރުން ގޭތެރެ އަށް ބޭނުންވާ އެހެން ސާމާނުތަކެވެ.

ޕާސަނަލް ލޯނުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ އާއި އިމާރާތް ކުރުމުގެ ދާއިރާއިން ލޯނު ނަގާފައިވާ މިންވަރުވެސް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވަނީ އިތުރުވެގެން ގޮސްފަ އެވެ.

އެގޮތުން ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ އިން ނެގި ލޯނުގެ އަދަދުު އެއް ޕަސެންޓް އިތުރުވެފައިވާ ކަމަށާއި ލޯނާއި ކްރެޑިޓް ފެސިލިޓީިތައް މެދުވެރިކޮށް ބޭންކްތަކުން ފައިސާ ނެގި ވަރު ވެސް 28 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އޭގެ ތެރެއިން 38 ޕަސެންޓް ޓޫރިޒަމް ދާއިރާއިން އިތުރުވެފައިވާއިރު، އެއީ އައު ރިސޯޓު ހެދުމަށާއި ރިސޯޓުތަކުގެ މަރާމާތަށް ނަގާ ލޯނުތައް ކަމަށް އެމްއެމްއޭ އިން ފާހަގަކުރެ އެވެ.