ޔޫއޭއީގެ އެންމެ އަގުހެޔޮ އެއާލައިން، "ވިޒް އެއާ"ގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ.

ވިޒް އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގައި އެވެ. މިދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޔުއޭއީގެ ވެރިރަށް އަބޫދާބީން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށެވެ.

ވިޒް އެއާއިން ރާއްޖެއަށް ދަތުރު ފަށާއިރު ހަފްތާއަކު ހަތަރު ދަތުރު ކުރާނެ އެވެ. އެއީ އަންގާރަ، ބުރާސްފަތި، ހޮނިހިރު އަދި އާދިއްތަ ދުވަހެވެ.

ވިޒް އެއާއިން މިއަހަރުގެ ފިނި މޫސުމާއި ދިމާކޮށް ރާއްޖޭގެ އިތުރުން ކުވައިތަށްވެސް ދަތުރުތައް ފެށުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖެ އަދި ކުވައިތަށް ވިޒް އެއާލައިންގެ ދަތުރުތައް ފެށުމުން އެ އެއާލައިނުން ދަތުރުކުރަމުން އަންނަ މަންޒިލްތަކުގެ އަދަދު 34 އަށް އިތުރުވެގެންދާނެ އެވެ. ރާއްޖެ އައި ކުވައިތަށް ދަތުރުކުރާނީ އެ އެއާލައިނުން އެންމެ ފަހުން ގަނެފައިވާ އެއާބަސް އޭ321 ނިއޯ އެއާކްރާފްޓެވެ.

ވިޒް އެއާލައިންގެ ދަތުރުތައް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ.