ވިލިމާލޭގައި ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ މެނޭޖްމަންޓުން އެކުންފުނީގެ މުވައްޒަފުންނާއެކު އިއްޔެ ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ވިލިމާލޭގައި ވަރަށް އަވަހަށް ހައުސިން މަޝްރޫއެއް ފެށުމަށް އެކުންފުނިން ތައްޔާރުވަމުންދާކަމަށާއި ކުންފުނީގެ ބޯޑު އެމަޝްރޫއު ފާސްކުރުމުން އެކަން އަވަހަށް ފަށާނެ ކަމަށެވެ.

"މިފަހަރު ހައުސިން އަޅުގަނޑުމެން އަމާޒުކުރާނީ ވިލިމާލެއަށް. އެހެންވީމަ އެތަނުގައި އަޅުގަނޑުމެންގެ ހައުސިން ޕްރޮގްރާމެއް ފެށްޓޭތޯ މަސައްކަތް ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ މިކަން ކާމިޔާބުވާނެ. ބްރިޖް އެޅުމަށްފަހު މާލެއެކޭ ހުޅުމާލެއެކޭ ވިލިމާލެއެކޭ އަނެއްހެން މާ ބޮޑު ތަފާތެއް ނޯންނާނެ. ވިލިމާލެ ކައިރިވެފައި މަޑުމައިތިރިވެސްވާނެ، މާ ހިތްފަސޭހަވާނެ،" ޝަރީފް ވިދާޅުވި އެވެ.

ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ސްޓެލްކޯ އިން އިއުލާނުކުރިއިރު، އެ ކުންފުނިން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ފްލެޓްތަކަށް އަންނަ މަހު ވަދެވޭނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފަ އެވެ. އަދި އެފްލެޓްތަކުގެ އަގުތައް ވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފަ އެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓެވެ.