މާލެ ސަރަޙައްދުގައި ދަތުރު ދާން ސަރުކާރުން ތަރައްގީކުރާ ކުޑަގިރި އާންމުންނަށް ހުޅުވާލުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދަތުރުދިޔުމަށް ތަރައްގީ ކުރަމުން އަންނަ ކުޑަގިރި ހުޅުވުން ލަސްކުރީ އެރަށުގައި ތަރައްގީ ކުރާ އެކި ފެސިލިޓީ އިމާރާތްތައް ނުނިމިގެން ކަމަށެވެ. އަދި އެރަށް ފެހި ކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ނިމިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން ސަރުކާރުން މަސައްކަތް ކުރަމުން އައީ މިއަހަރުގެ މިނިވަން ދުވަހާ ދިމާކޮށް އާންމުންނަށް ކުޑަގިރި ހުޅުވާލުމަށެވެ. އެހެންނަމަވެސް މިއަދާ ހަމައަށްއިރުވެސް އެރަށުގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް އަދި ނިމިފައިނުވެ އެވެ.

ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކުން ކުޑަގިރި ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެރަށުގައި ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއިން މިހާރު ވަނީ ނިންމާލާފަ އެވެ. އަދި ކުޑަގިރިއަށް ކަރަންޓް ދިނުމަށްޓަކައި އަޅަންޖެހޭ ކޭބަލްތައް އަޅާ މިހާރު އެރަށަށް ސްޓެލްކޯއިން ވަނީ ކަރަންޓް ދީފަ އެވެ.

އެމްޑަބްލިޔުއެސްސީ އާއި ސްޓެލްކޯގެ އިތުރުން ކުޑަގިރި ތަރައްގީ ކުރުމުގެ މަސައްކަތުގައި އެމްޓީސީސީ އާއި ފެނަކަ އަދި އެޗްޑީސީ ބައިވެރިވެ އެވެ.

މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކޮށްދޭން ވައުދުވި ކަމެކެވެ. އެ ކަން ފުރިހަމަކުރުމަށް މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރުގެ ދުރުގައި އޮންނަ ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެން ދަތުރު ދާނެ ރަށެއް ހެދުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ 41 މިލިއަން ރުފިޔާއަށެވެ.

ކުޑަގިރި ހުޅުވާ މުއްދަތު ފަސްކުރިއިރު، އެ ރަށުގައި ގަސް އިންދުމުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކުން ވެސް އަންނަނީ ކުރަމުންނެވެ.