މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ގުޅިގެން ބާއްވާ "މޯލްޑިވްސް ޕްރޯ 2022" އައިބީސީ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

މި މުބާރާތް ރާއްޖެ ހިމެނޭގޮތަށް ދުނިޔޭގެ 11 ގައުމެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕްރޯ 2022" އަކީ އައިބީސީ ވޯލްޑް ޓުއާއިން އޭޝިއާގައި މިހާތަނަށް ބާއްވާ ފުރަތަމަ އިވެންޓެވެ.

އައިބީސީ ވޯލްޑް ޓުއާއަކީ ދުނިޔޭގެ ބޮޑީބޯޑިން ޗެމްޕިއަންކަން ހޯދުމަށް އެ ކުޅިވަރެއްގެ އެންމެ މޮޅެތި އެތުލީޓުންނަށް އެ ގައުމެއްގެ ޑިވިޝަންތަކުގައި ޕޮއިންޓް އެއްކުރެވޭނެ ގޮތަށް އެކި ގައުމުތަކުގައި ބާއްވާ ޓުއާ އިވެންޓެކެވެ. މިއަހަރުގެ އައިބީސީ ވޯލްޑް ޓުއާގައި 6 ޑިވިޝަނެއްގެ ޗެމްޕިއަނުންނުން ހޮވާނެ އެވެ.

"މޯލްޑިވްސް ޕްރޯ 2022އައިބީސީ ވޯލްޑް ޓުއާގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، މި ތާރީޚީ ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބޮޑީބޯޑިން ދަނީ ރާއްޖޭގައި ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން. މި އިވެންޓް އާންމުންނާއި ހަމައަށް ގެނެސްދިނުމުގައި އެމްބީބީއޭ އާއި އައިބީސީ އަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް،" ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވި އެވެ.

އެމްބީބީއޭގެ ރައީސް އަބްދުﷲ އަރީފް ވިދާޅުވީ ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ދިރާގުން ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މި މުބާރާތުގެ ސަބަބުން ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގުވާމީ ބޮޑީބޯޑަރުންގެ ފަރާތުން އައު ތަޖުރިބާތަކާއި ހުނަރުތަކެއް ދަސްވެގެން ދާނެކަން ޔަޤީން. އަދި މި މުބާރާތުގެ ސަބަބުން މި ކުޅިވަރު ރާއްޖޭގައި އިތުރަށް ފުޅާވެ ބޮޑީބޯރޑިންގެ އައު މަންޒިލެއްގެ ގޮތުގައި ރާއްޖެ އެނގިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

މުބާރާތުގެ ރާއްޖޭގައި އޮންނަ ބައި ކުރިއަށްދާނީ 29 ޖުލައި އިން 7 އޯގަސްޓްގެ ނިޔަލަށް "ވަރުނުލާ ރާޅުގަނޑު" ސަރަހައްދުގަ އެވެ.

ދިރާގަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި މި ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް އަބަދުވެސް އެއްބާރުލުންދެމުން އަންނަ ކުންފުންޏެކެވެ.