ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް 1.2 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް (ޓީބިލް) ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ ސަރުކާރުން ކުރު މުއްދަތުގައި އަނބުރާ ފައިސާ ދައްކާ ގޮތަށް ވިއްކާ މި ޓީބިލުތައް ވިއްކަން ނިންމާފައިވަނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.

މިފަހަރު ވިއްކުމަށް ހުޅުވާލި ޓީބިލް ތެރޭގައި 28 ދުވަހު ތެރޭގައި އަނބުރާ ދައްކާ ގޮތަށް 419 މިލިއަން ރުފިޔާގެ ޓީބިލާއި 98 ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ހުޅުވާލި 270 މިލިއަން ރުފިޔާގެ ޓީބިލް ހިމެނެ އެވެ. އަދި 182 ދުވަހު ތެރޭގައި އަނބުރާ ދައްކާ ގޮތަށް ހުޅުވާލި 130.5 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހު ތެރޭގައި ދައްކާ ގޮތަށް ހުޅުވާލި 422 ބިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.

މިހުޅުވާލި ޓީބިލް ގަންނަ ފަރާތްތަކުން ފައިސާ ދައްކައި ނިންމަން ޖެހެނީ އަންނަ ހޯމަ ދުވަހަށެވެ.

ފިނޭންސް މިނިސްޓްރީން މިހާތަނަށް އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ސަރުކާރުން ވިއްކާފައިވާ ޓީބިލުތަކުގެ ތެރެއިން 62.5 ބިލިއަން ރުފިޔާގެ ޓީބިލަށް ދައްކަންޖެހޭ ފައިސާ އަދިވެސް އަނބުރާ ދައްކާފައިނުވެ އެވެ. އެގޮތުން އެއް އަހަރު ތެރޭގައި ފައިސާ ދައްކާ ގޮތަށް ވިއްކި ޓީބިލަށް ދައްކަންޖެހޭ 23.8 ބިލިއަން ރުފިޔާއާއި 6 މަހުން ފައިސާ ދައްކާ ގޮތަށް ވިއްކި ޓީބިލަށް ދައްކަންޖެހޭ 3.4 ބިލިއަން ރުފިޔާއާއި 3 މަހުން ފައިސާ ދައްކާ ގޮތަށް ވިއްކި ޓީބިލަށް ދައްކަންޖެހޭ 3.1 ބިލިއަން ރުފިޔާގެ އިތުރަށް މަސްދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ވިއްކި ޓީބިލަށް ދައްކަންޖެހޭ 2.3 ބިލިއަން ރުފިޔާ ނުދައްކައި އެބަހުއްޓެވެ.