Advertisement

މަންޓާ އެއާ އިން ދިވެހިންނަށް ހާއްސަ ސީޕްލޭން ދަތުރުތަކެއް ފަށަނީ

FacebookTwitterWhatsAppTelegramViber

މަންޓާ އެއާ އިން ދިވެހިންނަށް ހާއްސަކޮށް ސީޕްލޭންގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މަންޓާ އެއާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަންޓާ އެއާގެ ހިދުމަތަށް އާންމުން އެދެމުން ދިއުމާ ގުޅިގެން، މާދަމާ އިން ފެށިގެން ކޮންމެ ދުވަހަކު ވެސް ބ. އަތޮޅަށާއި ދ. އަތޮޅަށް ސީޕްލޭން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުތަކުގެ ޓިކެޓް މަންޓާ އެއާގެ ވެބްސައިޓުން ބުކް ކުރެވޭނެ އެވެ.

އެހެން ނަމަވެސް، މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން ދުނިޔެ އާއި ރާއްޖޭގެ އެއާލައިން އިންޑަސްޓްރީ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، މަންޓާ އެއާ އިން ވަނީ މާދަމާ އިން ފެށިގެން އެ އެއާލައިންގެ ޝެޑިއުލް އެތެރޭގެ ދަތުރުތައް މެދުކަނޑާލަން ނިންމާފަ އެވެ. އެގޮތުން، ބ. ދަރަވަންދޫ އަދި ދ. ކުޑަހުވަދޫ އަށް އެ އެއާލައިން އިން ކުރަމުން އަންނަ ޝެޑިއުލް ދަތުރުތައް ދެން ނުކުރާނެ އެވެ.

"އަޅުގަނޑުމެންގެ އޭޓީއާރު ނުވަތަ ޓުވިން އޮޓާ މަރުކާގެ ބޯޓު ޗާޓަރު ކުރަން ބޭނުންވާ އަޅުގަނޑުމެންގެ ޕާޓްނަރުންނަށް އެ ހިދުމަތް ދެވޭނެ އެވެ،" މަންޓާ އެއާގެ ބަޔާނުގައިވެ އެވެ.

މަންޓާ އެއާ އިން ވަނީ، މި ދުވަސްވަރު ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މީގެ ކުރިން، މަންޓާ އެއާ އިން ވަނީ، ގއ. ކޫއްޑޫ އެއާޕޯޓަށް ކުރާ ދަތުރުތައް، ކޮވިޑް-19 އާ ގުޅިގެން، ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. އަދި ދަރަވަންދޫ އާއި ކުޑަހުވަދޫ އަށް ކުރާ ދަތުރުތަކުގެ އަދަދު ވެސް މަދުކޮށްފައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އިން ވަނީ އޮން-އެރައިވަލް ވިސާ ދިނުން އެއްކޮށް ހުއްޓާލާފަ އެވެ. އަދި އެއާޕޯޓުގެ އޮޕަރޭޝަންތައް ވެސް ރޭގަނޑު ކުރިއަށް ނުގެންދާ ގޮތަށް ވަނީ ނިންމާފަ އެވެ.

މި ފިޔަވަޅުތަކާ އެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އެގޮތުން، ގިނަ އަދަދެއްގެ ރިސޯޓުތަކެއް ބަންދުކޮށްފައިވާއިރު، ޑޮމެސްޓިކް އެއާލައިންތަކުން ވަނީ ޝެޑިއުލް ދަތުރުތައް ކުރުން ހުއްޓާލާފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅިގެން، ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެ ރިސެޝަނަކަށް ދާނެ ކަމުގެ ބިރު ވެސް އެ މަނިކުފާނު ވަނީ ފާޅުކުރައްވާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top