ނިއު ޔޯކް (27 ޖުލައި) - އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ކުރިއަށް އޮތް ދޮޅު އަހަރު ދުނިޔޭގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރާ މިންގަނޑު ދަށްކޮށް މުޅި ދުނިޔެ އިގްތިސާދީ ރިސެޝަން އަކަށް ގޮސްދާނެ ކަމުގެ އިންޒާރު ދީފި އެވެ.

އެ ފަންޑުން މިދިޔަ އަންގާރަ ދުވަހު ނެރުުނު ގްލޯބަލް އިކޮނޮމިކް އައުޓްލުކްގައި ބުނެފައިވަނީ މި އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ ރޭޓް 3.6 ޕަސެންޓަށް ދަށްވާނެ ކަމަށެވެ. މިއީ މިދިޔަ އޭޕްރިލް މަހު ލަފާކުރި މިންވަރަށްވުރެ 0.8 ޕަސެންޓް ދަށް އަދަދެކެވެ.

އައިއެމްއެފްއިން އިތުރަށް ބުނީ ގައުމުތަކުގެ އިންފްލޭޝަން ރޭޓް ހިފެހެއްޓުމަށްޓަކައި ސެންޓްރަލް ބޭންކު ތަކުން އިންޓްރެސްޓް ރޭޓް އުފުލަމުން ގެންދާއިރު އެކަމުގެ ނޭދެވޭ އަސަރު 2023 ވަނަ އަހަރު ފެންނަން ފަށާނެ ކަމަށެވެ.

"މިހާރު ކަންތައް ވަމުން ދާ ގޮތަށް ކުރިއަށްދާނަމަ މުޅި ދުނިޔެ އޮތީ ރިސެޝަން އެއްގެ ތުންފަތް މަތީގައި" އައުޓްލުކް ރިޕޯޓުގައި ބުނެފައިވެ އެވެ.

އައިއެމްއެފްގެ އިގްތިސާދީ ފޯކާސްޓް ދައްކާ ގޮތުންނަމަ ކުރިއަށް އޮތް ތަނުގައި ވެސް މުދަލާއި ޚިދުމަތުގެ އަގު ދާނީ އުފުލެމުންނެވެ. އެގޮތުން ކާބޯތަކެއްޗާއި ހަކަތައިގެ އަގު ދެގުނަ ބޮޑުވާނެ ކަމަށް އެ ރިޕޯޓްގައި ލަފާ ކޮށްފައިވެ އެވެ.

ދުނިޔޭގެ އިގްތިސާދު މިހާ ބޮޑު އަނދަވަޅަކަށް ވެއްޓެން މެދުވެރިވެދާނެ ކަމަށް އައިއެމްއެފްއިން ފާހަގަކުރި ސަބަބުތަކުގެ ތެރޭގައި މިހާރު ކުރިއަށްދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ މަޝްރަހު އިތުރަށް ގޯސްވުމާއި އެކަމުގެ ސަބަބުން ރަޝިއާއަށް އަޅަމުންދާ ހަރުކަށި ފިޔަވަޅުތައް ހިމެނެ އެވެ.

އައިއެމްއެފް އިން ރިޕޯޓު ނިންމާލަމުން ބުނެފައިވަނީ ދުނިޔޭގެ ހާލަތު އިތުރަށް ގޯސްވެ އިތުރު ޕެންޑަމިކްއެއް ފަދަ ކަމެއް ފެށިއްޖެ ނަމަ އިގްތިސާދަށް ކުރާ އަސަރު ވަކިން ބޮޑުވާނެ ކަމަށެވެ. -- ދަ ސްޓްރެއިޓް ޓައިމްސް