ރާއްޖޭގެ ރިޒާވްގައި ބޭރު ފައިސާގެ ރިޒާވް ދަށަށް ދިއުމާއި ދަރަނި ބޮޑުވުމުގެ ނުރައްކާ އިގްތިސާދަށް އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަނެއްކާވެސް ތަކުރާރު ކޮށްފި އެވެ.

އައިއެމްއެފުން ބުނި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ބެލެހެއްޓުމަށް ސަރުކާރުން ފައިސާ ދޭން ޖެހުމާއި އެ ކުންފުނިތަކުގެ ދަރަނި ދައްކައިދޭން ސަރުކާރަށް ޖެހުމަކީ ވެސް ރާއްޖޭގެ މާލީ ހާލަތަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

އައިއެމްއެފްގެ ރިޕޯޓުގައި ވާގޮތުން އިގްތިސާދު ރަނގަޅުވުމުގެ ސަބަބުން، ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ދަރަނި ހުރި ވަރަށް ވުރެ މިހާރު ދަށަށް ގޮސްފައި ވިޔަސް، ދަރަނި ބޮޑުވުމުގެ ނުރައްކާ ރާއްޖެއަށް އަދިވެސް ވަރަށް ބޮޑަށް އެބައޮތެވެ. އެކަން ހައްލު ކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް އައިއެމްއެފުގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އައިއެމްއެފުން ފާހަގަކުރި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ރާއްޖޭގެ އިންފްލޭޝަން ރޭޓް މި އަހަރު 3.1 ޕަސެންޓަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް އައިއެމްްއެފުން ބުނެ އެވެ. މި އަހަރުގެ ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާ ކުރެވެނީ 8.7 ޕަސެންޓްގައި ކަމަށް ވެސް އައިއެމްއެފުން ބުނެ އެވެ.

ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީއަށް ކުރަން ޖެހޭ ހަރަދު އިތުރުވުމާއި އަންނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އިތުރަށް ހަރަދު ކުރަން ޕްރެޝަރުތައް ހުރިކަން އައިއެމްއެފުން ފާހަގަ ކުރެ އެވެ.

ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކާއި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ އިގްތިސާދު ދަށަށް ދިއުމާ ގުޅިގެން، އެ ގައުމުތަކުން ރާއްޖެ ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ބިރު އޮތް ކަން ވެސް އެ އިދާރާއިން ހާމަކުރެ އެވެ.

އައިއެމްއެފުން މިހެން ބުނި ކަމުގައި ވިޔަސް ރައީސް ސޯލިހާއި މާލީ ވަޒީރު އަމީރު ވިދާޅުވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަށްދަނީ ރަނގަޅަށް ކަމަށެވެ.