މިދިޔަ މަހު ގްރީން ފަންޑަށް 70.8 މިލިއަން ރުފިޔާ ލިބިފައިވާއިރު އެފަންޑުން މިދިޔަ މަހު 52 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެފަންޑަށް 70.8 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

އޭގެ ތެރޭގައި ރިސޯޓްތަކުން ލިބުނު 66.6 މިލިއަން ރުފިޔާ އާއި ގެސްޓްހައުސްތަކުން ލިބުނު 1.7 މިލިއަން ރުފިޔާ ހިމެނެ އެވެ.

މިދިޔަ މަހު ގްރީން ފަންޑުން 38 މަޝްރޫއަކަށް 52 މިލިއަން ފުރިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިފަންޑުން ހަރަދުކޮށްފައިވާ މަޝްރޫއުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ހިމެނެ އެވެ.

ޖޫންމަހު ގްރީން ފަންޑުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އދ. ހަންޏާމީދޫ ފެނުގެ ނިޒާމް ޤާއިމްކުރުމަށެވެ. އެ މަޝްރޫއަށް ގްރީން ފަންޑުން 7،225،829.68 ވަނީ ހޭދަކޮށްފަ އެވެ.

ދެ ވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފ. މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމަށެވެ. މި މަޝްރޫއަށް ޖުމްލަ 6،727،343.63 ވަނީ ހަރަދުކޮށްފަ އެވެ.

ގްރީން ފަންޑަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކްހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި ސިޓީ ހޮޓާތަކާއި ސަފާރީތަކަށް އަންނަ ފަތުރުވެރިން ވެސް ދައްކަންޖެހެ އެވެ.

އެގޮތުން ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެ އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެ އެވެ.