ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ފުވައްމުލަކު އަދި އައްޑޫގައި މިނީ ބަހުގެ ހިދުމަތް ފަށަން ބޭނުންވާ ބަސްތައް އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ސަރުކާރުން ނިންމާފައިވަނީ މާލެ ހިމަނައިގެން ރާއްޖޭގެ ތިން ރަށެއްގައި މިނީ ބަހުގެ ހިދުމަތް ދިނުމަށެވެ. އެއީ ލ. އަތޮޅާއި ފުވައްމުލަކާއި އައްޑޫ އެވެ.

އެމްޓީސީސީން ބުނީ އައްޑު އަށް ބޭނުންވާ އަށް ބަސް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އެ ބަސްތައް ބޭނުންކުރާނީ ގަން، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ އަދި ހިތަދޫގައި، ހަތަރު ރޫޓަކަށް ބަހާލައިގެންނެވެ.

އައްޑޫ ހުޅުމީދު އަށް ހަތަރު ބަސް ގެންދަން ހަމަޖެހިފައިވާއިރު ހުޅުމީދޫގައި ވެސް ހަތަރު ރޫޓަކުން ބަސް ދަތުރުކުރަން ވަނީ ހަމަޖެހިފަ އެވެ.

އައްޑޫގެ އިތުރުން އެމްޓީސީސީން ބުނީ ފުވައްމުލަކުގައި އެ ހިދުމަތް ދޭން ބޭނުން ކުރާ ފަސް ބަސް އިއްޔެ އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުވައްމުލަކަށް އިއްޔެ ބަސްތައް ގެންދިޔައިރު، މިދިޔަ ބުދަ ދުވަހު ލ. މެއިން ލޭންޑުގައި ދުއްވާ ފަސް ބަހާއި އެ އަތޮޅު އިސްދޫ- ކަލައިދޫ ރޫޓުގައި ދުއްވާ ދެ ބަސް ވެސް ވަނީ އެ ރަށްތަކަށް ގެންގޮސްފަ އެވެ.

އާރްޓީއެލް މިނީބަހުގެ ހިދުމަތް ފަށަން އެމްޓީސީސީން ވަނީ 36 ބަސް ރާއްޖެ ގެނެސްފަ އެވެ. އޭގެ ތެރެއިން 12 ބަސް ބޭނުންކުރާނީ މާލޭގަ އެވެ. އެ ބަސްތަކަކީ ގާތްގަނޑަކަށް 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

މާލޭގައި ބަހުގެ ޓްރަޔަލް ދަތުރުތައް ގާތްގަނޑަކަށް ތިން ހަފްތާތެރޭ ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ރަށްރަށުގައި ވެސް އެ ހިދުމަތް ވަރަށް އަވަހަށ ފަށާނެ އެވެ.

މާލެ އާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ލ. ގަން، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ދޭން ވަނީ ހަމަޖެހިފަ އެވެ.