އެސްޓީއޯއަށް ދެ ވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 155.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެ ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން ދެ ވަނަ ކުއާޓަރުގެ ނިޔަލަށް ޖުމްލަ އާމްދަނީގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 22 ޕަސެންޓްގެ ކުރިއެރުމެކެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެލުގެ ޖުމްލަ އާމްދަނީ އޭގެ ކުރީ ކުއާޓާރާ އަޅާބަލާއިރު އިތުރުވެފައިވުމެވެ. އަދި ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 11 މިލިއަން ރުފިޔާ ދަށްވެފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މިއީ ދެ އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި މަތިވެގެން ދިޔަ ވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެ ނިސްބަތުން އިތުރުކޮށްފައިނުވުން،" އެސްޓީއޯއިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯގެ ޖުމްލަ ފައިދާ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ދަށްވިކަމުގައި ވީނަމަވެސް، ހިންގުމުގެ ފައިދާގެ ގޮތުގައި 217 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 4 ޕަސެންޓްގެ ކުރިއެރުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ކުންފުނީގެ އެހެނިހެން އާމްދަނީ އިތުރުވުމާއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުން ކަމަށް އެސްޓީއޯއިން ބުނެ އެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާރުގައި އެސްޓީއޯގެ ސާފު ފައިދާއަކީ 188 މިލިއަން ރުފިޔާ އެވެ. މިއީ، އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 6 ޕަސެންޓްގެ ކުރިއެރުމެކެވެ.

"މީގެ މައިގަނޑު ސަބަބަކީ، ކުންފުނީގެ އެހެނިހެން އާމްދަނީ އިތުރުވުމާއިއެކު ހިންގުމުގެ ހަރަދު ކުޑަކުރެވިފައިވުން. އަދި މީގެ އިތުރުން ކުންފުނީގެ ސަބްސިޑަރީތަކުން ލިބިފައިވާ ޑިވިޑެންޑް އެކައުންޓް ކުރުމާއިއެކު ކުންފުނީގެ ނެޓް ފައިނޭންސް ކޮސްޓް ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ދިހަ ޕަސެންޓް ދަށްކުރެވިފައި،" އެސްޓީއޯއިން ބުންޏެވެ.

ޓެކްސްއަށް ކެނޑުމަށްފަހު މި ކުއާޓަރުގެ ސާފު ފައިދާއަކީ 155 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ހަތަރު ޕަސެންޓްގެ ކުރިއެރުމެކެވެ.

"މިފުރުސަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަން،" އެސްޓީއޯއިން ބުންޏެވެ.