މިދިޔަ އެއް އަހަރުގެ ތެރޭގައި ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު 5.19 ޕަސެންޓް ވަނީ އުފުލިފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން (އެމްބީއެސް) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެ ބިއުރޯއިން މިދިޔަ ހަފުތާގައި އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ހުރިހާ ދާއިރާއަކުން މުދަލާއި ހިދުމަތުގެ އަގު މިދިޔަ މޭމަހު 0.67 ޕަސެންޓް މަތިވިއިރު، ޖޫން މަހު އެ އަދަދު ވަނީ 0.45 ޕަސެންޓް ދަށްވެފަ އެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖޫން މަހުގެ ނިޔަލަށް މުދަލާއި ހިދުމަތުގެ އަގު 5.19 ޕަސެންޓް މަތިވިއިރު، އަދި މަހުން މަހަށް ބަލާއިރު މިދިޔަ މެއި މަހާ އަޅާބަލާއިރު ޖޫން މަހު 0.5 ޕަސެންޓް ވަނީ އުފުލިފަ އެވެ.

އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތައް:

  • ގެދޮރާއި ފެނާއި ކަރަންޓާއި ގޭސް އަދި ތެލުގެ ބާވަތްތަކުން 12.92 ޕަސެންޓް
  • އެއްގަމު ދަތުރުފަތުރުން 9.17 ޕަސެންޓް
  • ފޯކާއި ދުންފަތުގެ ބާވަތްތަކުން 7.61 ޕަސެންޓް
  • ކާބޯތަކެއްޗާއި ސޮފްޓް ޑްރިންކާއި މަހުގެ ބާވަތްތަކުން 5.21 ޕަސެންޓް
  • ރެސްޓޯރަންޓާއި އެކޮމޮޑޭޝަން ހިދުމަތްތަކުން 3.37 ޕަސެންޓް

މިދިޔަ އެއް އަހަރުގެ ތެރޭގައި އާއްމުކޮށް އަގު އުފުލިފައި ވަނީ އާއްމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅުން ހުރި މުދަލާއި ހިދުމަތުންނެވެ.

އެއް އަހަރުގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގު އުފުލުނުއިރު ބައެއް ހިދުމަތާއި ބާވަތްތަކުން އަގުތައް ތިރިވެފައިވެ އެވެ. އެގޮތުން އާއްމުކޮށް އަގު ދަށްވެފައި ވަނީ އިންފޮމޭޝަން ކޮމިއުނިކޭޝަން ދާއިރާއިންނެވެ. އެގޮތުން އެއް އަހަރުގެ ތެރޭގައި 7.06 ޕަސެންޓް އަގު ދަށްވެފައިވެ އެވެ.