އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރަކަށް އަހުމަދު އިމާދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އިމާދު އައްޔަންކުރަން ރުހުންދޭން ފެންނަ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އޭނާއަށް ރުހުން ދެއްވަން ފެންނަކަމަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓުންނެވެ.

އިމާދު އެ މަގާމަށް އައްޔަންކުރައްވަން ފެންނަކަމަށް ފާސްވީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްއޭގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ އިމާދަކީ ވޭތުވެދިޔަ 16 ވަރަކަށް އަހަރުގެ ތެރޭގައި ވެސް މަނިޓަރީ ޕޮލިސީ ދާއިރާގައި މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އަދި އެމްއެމްއޭގެ ފަރާތުން ކެޕިޓަލް މާކެޓިން ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭގެ ބޯޑު މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އޭނާ ވަނީ ދެ ދައުރު އެ މަގާމު ފުރުއްވާފަ އެވެ.

ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އައްޔަންކުރަން ފޮނުއްވި އިމާދު ވަނީ އިނގިރޭސިވިލާތުން އިކޮނޮމިކްސް އަދި ފައިނޭންސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ. އަދި މެލޭޝިއާއިން ވެސް އޭނާ ވަނީ ހަަމަ އެ ދާއިރާތަކުން މަތީ ތައުލީމް ހާސިލުކުރައްވާފަ އެވެ.