މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެމްޓީސީސީއަށް 130 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި، އެ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 64 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓާގައި ފައިދާގެ ގޮތުގައި 66 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޓީސީސީއަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ތެރޭގައި 1.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. ފުރަތަމަ ކުއާޓަރގެ އާމްދަނީއަކީ 550 މިލިއަން ރުފިޔާ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރގައި ލިބުނީ 593 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެމްޓީސީސީއަށް ފައިދާގެ ގޮތުގައި 130 މިލިއަން ރުފިޔާ ލިބުނުއިރު، އެ ކުންފުނިން އަމާޒު ހިފާފައި ވަނީ މި އަހަރުގެ ޖުމްލަ ފައިދާގެ ގޮތުގައި 300 މިލިއަން ރުފިޔާ ހޯދުމަށެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ޖުމްލަ ފައިދާ 271 މިލިއަން ރުފިޔާއަށް އަރާއިރު، އެއީ އެ ކުންފުނީގެ ތާރީހުގައި ހޯދި އެންމެ ބޮޑު ފައިދާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ބަނދަރުތައް ހެދުމާއި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިމެނެ އެވެ. މީގެ އިތުރުން ސަރުކާރުގެ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ޚިދުމަތް ދެމުން ގެންދަނީ ވެސް އެމްޓީސީސީންނެވެ.