ކްލިކް ކޮލެޖު އާއި އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އަދި އިނގިރޭސިވިލާތުގެ ނޮޓިންހަމް ޓްރެންޓް ޔުނިވާސިޓީ ގުޅިގެން އިންތިޒާމުކުރާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން ޓޫރިޒަމް އެންޑް ސޯޝަލް ރިސާޗް" (އައިސީޓީއެސްއާރު 2022) ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއެކޮށްފި އެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މިމަހުގެ 2 އިން 5 އަށް އއ. އުކުޅަހުގަ އެވެ.

އައިސީޓީއެސްއާރު 2022 ގެ މިފަހަރުގެ ޝިއާރުކަމަށްވާ "ރީތިންކިން ޓޫރިޒަމް، ހޮސްޕިޓާލިޓީ އެންޑް އިވެންޓްސް ފޯ އަ ބެޓާ ފިއުޗާ" ގެ ދަށުން މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިގެންދާނީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅުންހުރި ހަރަކާތްތައް އަލުން ތަރައްގީކުރެވޭނެ ގޮތްތަކެވެ. މިގޮތުން މި ކޮންފަރެންސްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެ ހަރަކާތްތެރިވާ ފަރާތްތަކާއި ޕޮލިސީ ހަދާ ފަރާތްތަކާއި އެކަޑަމިކް ބޭފުޅުން ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް މިހާރު ހުރި ގޮންޖެހުންތަކާއި މި ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މައުލޫމާތު ހިއްސާކޮށް މަޝްވަރާ ކުރާނެ އެވެ.

ދިރާގުން ބުނިގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މި ދާއިރާއަށް އިތުރު ކުރިއެރުން ލިބޭނެ ފަދަ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށެވެ.