ދިރާގަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 218.4 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނީގެ މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން 618.8 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް މިއީ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު، ތިން ޕަސެންޓުގެ ދަށް އަދަދެކެވެ.

މިދިޔަ ކުއާޓަރުގައި އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ރޯމިން އިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގަށް މިދިޔަ ކުއާޓަރުގައި މޮބައިލް ފޯނުގެ ހިދުމަތުން އާމްދަނީގެ ގޮތުގައި 312.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފިކްސްޑް ބްރޯޑް ބޭންޑާއި ވިޔަފާރިތަކަށް ދޭ ހިދުމަތުން އެކަނި 289.4 މިލިއަން ރުފިޔާ ލިބުނުއިރު އެހެނިހެން ހިދުމަތްތަކުން 16.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 256.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.