މާލޭގެ ދެކުނު ފަރާތު ހިއްކި ބިމުގައި ހަދާފައި ހުރި އުސް ކޮންކްރީޓް ތާނގީގައި ދިވެހި ދިދަ އާއި އެކި ކުލަތަކުގެ ދިދަ ފަތި ދަމާފައި ހުއްޓެވެ. ތާނގީ ހަދާފައި ހުރި ޓަވަރާ ޖެހިގެން، ދެކުނު ފަރާތުގައި ހުރީ އެމްޑަބްލިޔުއެސްއޭގެ އާ އޮފީސް އިމާރާތެވެ.

އޮގަސްޓް 1، 1988 ގައި އެތަނުގެ ބޭރު ފާރުގައި ވެސް ދިދަ ފަތި ދަމާ ޒީނަތްތެރިކުރި އެވެ. އެއީ ހަގީގަތުގައި ބޮޑު ދުވަހެކެވެ. އެއީ އެ ޒަމާނުގައި މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ނުސާފު ފެނުގެ މައްސަލައަށް ވަގުތީ ހައްލެއް ނަމަވެސް ހޯދައިދިނުމުގެ މަޝްރޫއުއެއްގެ ނިމުން ފާހަގަކުރުމުގެ ދުވަހެވެ. ބޭރުން ލޯނު ހޯދައިގެން ސަރުކާރުން ހިންގި ފުރަތަމަ މަޝްރޫއުގެ ކާމިޔާބުގެ އުފާ ލިބިގަތުމުގެ ދުވަހެވެ.

ހެނދުނު އެތަނަށް ވަޑައިގަތީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. އެމްޑަބްލިޔުއެސްއޭގެ އެތެރޭގެ ބައެއް މަސައްކަތްތައް ބައްލަވައިލައްވައި، ފެން ހޮޅީގެ ވޭލް ދޫކޮށްލެއްވުމާ އެކު، މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި ފެން އިސްކުރު ބަރިތަކަށް ދާން ފެށީ ލޮނުން އުފެއްދި އެހެނަސް ބޯން ވެސް ރައްކާތެރި ފެނެވެ. އެ ފެން، އުސް ތާނގީ މެދުވެރިކޮށް، ހޮޅިތަކުން ފޮނުވާލުމުން އިސްކުރު ބަރިތަކާ ހަމައަށް ދާއިރު ހުންނަނީ ކްލޮރިން ވެސް ކުރެވި، ފެނުގެ ޠާހިރުކަން ކަށަވަރު ވެސް ވެފަ އެވެ.

"މިއީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ މުހިންމު މަޝްރޫއު،" ފެން ދޫކުރެއްވުމަށް ފަހު، ކައިރީގައި ހުރި ޖަމާލުއްދީން ސްކޫލްގެ ހޯލްގައި އޮތް ރަސްމިއްޔާތުގައި ރައީސް މައުމޫން ވިދާޅުވި އެވެ.

"މީގެ ކުރިން އާންމުންގެ ސަލާމަތަށް އެހާ ބޮޑު މަޝްރޫޢުއެއް ހިންގާފައެއް ނުވޭ، އެހެންކަމުން އޭގެ ފައިދާ ހެޔޮ ގޮތުގައި ހިފަން އަޅުގަނޑު ގޮވާލަން."

އެއީ ވަރަށް ބޮޑު ތެދުފުޅެކެވެ. ސާފު ފެން ފޯރުކޮށްދިނުމާއި މާލޭގެ އާ ނަރުދަމާ އާއި ގޭގޭގައި ވާރޭ ފެން ރައްކާކުރާނެ ހާހަކަށް ވުރެ ގިނަ ތާނގީ ހެދި މަޝްރޫޢުއަށް 11 މިލިއަން ޑޮލަރު (އޭރު ނަމަ ގާތްގަނޑަކަށް 78 މިލިއަން ރުފިޔާ)، މިހާރު ނަމަ 170 މިލިއަން ރުފިޔާ) ހޭދަކުރި އެވެ. އޭގެ ތެރެއިން ގިނަ ފައިސާ ހަމަޖެއްސީ ބޭރު ގައުމުތަކާއި ޖަމާއަތްތަކުން ދިން ލޯނުންނެވެ.

އެ ދުވަހު ވަރަށް މުޙިންމު އެހެން ވާހަކަފުޅުތަކެއް ވެސް، އަދަދުތަކުން ސަބަބު ވެސް ދައްކަވަމުން، ރައީސް މައުމޫން ވިދާޅުވި އެވެ. އެގޮތުން މާލޭގެ ތާޒާ ފެން ފަށަލައަށް އައި ބަދަލު ރައްޔިތުންނަށް ސާފުކޮށް ދެއްވި އެވެ. ގާތްގަނޑަކަށް 15 އަހަރުގެ ތެރޭގައި 6 މިލިއަން ކިޔުބިކް މީޓަރުން ތިން މިލިއަން ކިޔުބިކް މީޓަރަށް ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

މާލެގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ނިމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެމްޑަބްލިޔުއެސްސީ

ފެނަކީ ޤުދުރަތީ ގޮތުން ލިބޭ އެއްޗެއް ކަމާއި ދުވަހަކު ވެސް އެ ހުސްނުވާނެ ކަމަށް، ބައެއް މީހުން ބުނާ ބުނުމަށް ވެސް ރައީސް މައުމޫން އެ ދުވަހު ޖަވާބު ދެއްވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލޭގެ ބިމު އަޑީގައި އޮތް ތާޒާ ފެން ފަށަލައަށް އަންނަމުން ދިޔަ ބޮޑު ބަދަލުތަކުން "އަންގައިދެނީ މާލޭގެ ފެން ހުސްވާނެ" ކަމެވެ.

1996 ވަނަ އަހަރު އެމް.ޑަބްލިޔު.އެސް.ސީ އުފެދި، މާލޭގެ ގޭބީސީތަކަށް ސާފުބޯފެން ފޯރުކޮށްދޭތާ މިހާރު މިވަނީ 27 އަހަރު ވެގެން ގޮސްފަ އެވެ. މިހާރު އެމްޑަބްލިޔުއެސްސީ އަކީ ފުޅާ ދާއިރާއެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރާއްޖޭގައި ފޯރުކޮށްދޭ ކުންފުންޏެކެވެ. މިގޮތުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް މިސަރުކާރުން ވެފައިވާ ވައުދު ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެމްޑަބްލިޔުއެސްސީ އަންނަނީ ކުރަމުންނެވެ.

އެގޮތުން މިހާރު 4 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމިފައިވާއިރު 31 ރަށެއްގައި އަންނަނީ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެމްޑަބްލިޔުއެސްސީގެ އަމާޒަކީ ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

Editors Note

ނޯޓް: 7 ވަނަ ޕެރެގްރާފާ ހަމައަށް ލިޔެވިފައިވަނީ އެމްޑަބްލިޔުއެސްސީގެ ރިހި 25 ފޮތުން ނަގާފައިވާ ލިޔުމެއް.