އުރީދޫގެ 5ޖީ ނެޓްވޯކް މުޅި މާލެ ސަރަހައްދަށް ފުޅާކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭތާ މިއަދު 17 އަހަރު ފުރުނު ކުންފުނިން ބުނީ، އުރީދޫގެ ތަސައްވުރާ އެއްގޮތުގެމަތިން، ހައި ސްޕީޑް އިންޓަނެޓް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ފެށުނީއްސުރެ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލެ، ވިލިމާލެ ހުޅުމާލެ ފޭސް 1 އަދި ހުޅުލެއަށް 5ޖީގެ ހަލުވި ސްޕީޑް މިހާރު ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫ 5ޖީ ނެޓްވޯކަށް މި ގެނައި އަޕްގްރޭޑް އިއުލާނުކޮށްފައި ވަނީ އުރީދޫއިން ރާއްޖޭގައި ހިދުމަތް ދޭތާ 17 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މިއަދު މީރުމާގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްއެއްގަ އެވެ.

ހަމަ އެއާއެކު 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް 5ޖީ މޮބައިލް ކަސްޓަމަރުންނަށް ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ހާއްސަ އޮފާތަކެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ. އަދި ސުޕަނެޓް އެއާފައިބާ 5ޖީ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މަހުގެ އެލަވަންސް ބޭނުންކުރުމަށް ފަހު ވެސް 5އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑް ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެ ކުންފުނީގެ ސީއީއޯ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މިއަދުގެ ޑިޖިޓަލް ޒަމާނުގައި، ޓެކްނޮލޮޖީ ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާ ފަދަ ހަލުވި ސްޕީޑެއްގައި ކަމަށެވެ. އަދި ހައިޓެކް ހިދުމަތްތައް ބޭނުންކުރުމަށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ދަށް ލޭޓަންސީގައި ހަލުވި ސްޕީޑު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުރީދޫ މޯލްޑިވްސް އިން 5ޖީ ގެ ހިދުމަތް އެންމެ ފުރަތަމަ ތައާރަފްކުރީ އުރީދޫ އެއާފައިބާ މެދުވެރިކޮށް. މިއަދު އަޅުގަނޑުމެން ދިވެހިންގެ ޙިދުމަތުގައި 17 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ގްރޭޓާ މާލެއަށް އަޅުގަނޑުމެންގެ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް 5ޖީގެ ހަލުވި ސްޕީޑްތަކާއެކު މެދުކެނޑުމެއް ނެތް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

ބޮޑެތި ޑޭޓާ އެލަވަންސާއެކު އުރީދޫ 5ޖީ ކަސްޓަމަރުންނަށް ތައާރަފްކުރި މޮބައިލް ޑޭޓާ އޮފާ ތެރޭގައި:

  • އުރީދޫ ޕްރީޕެއިޑް، އާޗާ ޕްރީޕެއިޑް އަދި މަގޭ ޕްލޭން މެދުވެރިކޮށް، 5ޖީގެ ހަލުވި ސްޕީޑް ތައް ތަޖުރިބާކޮށްލުމަށް ޑަބަލް ޑޭޓާ ބޯނަސް އާއި އެކު ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 5ޖީ ޕްލޭންތަކެއް.
  • 5ޖީ ކަސްޓަމަރުންނަށް ރަނގަޅު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އުރީދޫ ޕޯސްޓްޕެއިޑް 800 އާއި މަތީގެ ޕްލޭންތައް ގެންގުޅޭ ފަރާތްތަކަށް ދެ ގުނަ ބޯނަސް ޑޭޓާ.

ކަސްޓަމަރުންގެ ބަދަލުވަމުންދާ މުއާސަލާތީ ބޭނުންތަކަށް އެކަށޭނެ ހައްލުތަކެއް ފޯރުކޮށްދިނުމަށް، އުރީދޫ އަކީ ރާއްޖޭގެ އެންމެހާ ރަށްތަކަށް 4ޖީ+ ފޯރުކޮށްދިން ފުރަތަމަ އޮޕރޭޓަރެވެ. ހަމައެއާއި އެކު، އުރީދޫ އިން ވަނީ އެކުންފުނީގެ ޓްރާންސްމިޝަން ނެޓްވޯކް ފުލް އައިޕީ އަށް ބަދަލުކޮށް، ކަސްޓަމަރުންގެ ޑޭޓާ އެކްސްޕީރިއަންސް އިތުރަށް ރަގަޅުކޮށްދީފަ އެވެ.

"އުރީދޫ މޯލްޑިވްސް އަކީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 5ޖީ ސްޕެކްޓްރަމް ލައިސަންސް ލިބުނު ފުރަތަމަ އުރީދޫ ކުންފުނި. އުރީދޫ މޯލްޑިވްސްއިން 5ޖީ އެއާ ފައިބާ – ރާއްޖޭގެ ފުރަތަމަ 5ޖީ ބްރޯޑްބޭންޑް ޙިދުމަތް ތައާރަފް ވެގެން ދިޔައީ ޑިޖިޓަލް މޯލްޑިވްސް އެއް ބީނާކުރުމަށް އަޅުގަނޑުމެން މިކުރާ ދަތުރަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް. މިއަދު އުރީދޫ 5ޖީ ނެޓްވޯކް އިތުރަށް ފުޅާކޮށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު މިވަނީ އިތުރަށް ހުޅުވިގެންގޮސްފައި،" އެ ކުންފުނިން ބުންޏެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް، ޑިޖިޓަލް ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ގެނެސްދިނުމުގައި އުރީދޫއިން ދެމިތިބޭނެ އެވެ.