ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އިންޓަނޭޝަނަލް ފަސިންޖަރުންގެ ޗެކިން ކުރުން ހުއްޓިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓުން ފުރާ އިންޓަނޭޝަނަލް ފްލައިޓްތަކުގެ ފަސިންޖަރުންގެ ޗެކިން މެދުކެނޑުމާ ގުޅިގެން އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަސިންޖަރުން ވަނީ ނުފުރި ތާށިވެފަ އެވެ.

މި މައްސަލަ ދިމާވުމުން، އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ އިންޓަނޭޝަނަލް ފަސިންޖަރުންގެ ޗެކިން ހުއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. ނަމަވެސް އެ މައްސަލަ ދިމާވި ސަބަބެއް އެ ކުންފުނިން ނުބުނެ އެވެ.

"އިންޓަނޭޝަނަލް ޗެކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކުރުމަށް އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ގެންދަނީ މަސައްކަތްކުރަމުން،" އެމްއޭސީއެލް އިން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

އިންޓަނޭޝަނަލް ފްލައިޓްތަކުގެ ފަސިންޖަރުންގެ ޗެކިން މެދުކެނޑުނުއިރު، އިންޑިއާގެ ބެންގަލޫރަށް ފުރާ އެއާ އިންޑިއާ އަދި ކޮޗިން އަށް ފުރާ އިންޑިގޯ ފްލައިޓަށް ފަސިންޖަރުން ދަނީ އަރުވަމުންނެވެ. ނަމަވެސް 6:25 ގައި ދުބާއީއަށް ފުރާ އެމިރޭޓްސް އަދި 7:00 ގައި ބަހުރެއިންއަށް ފުރާ ގަލްފް އެއާ އަދި 7:45 ގައި ދޯހާ އަށް ފުރާ ގަތަރު އެއާވޭސްގެ ފްލައިޓަށް ޗެކިން ކުރުމަށް ވަނީ ބުރޫ އަރާފައިވެ އެވެ.

އޭގެ އިތުރުން އެމްއޭސީއެލް އިން ބުނީ މުޅި އެއާޕޯޓުގެ ޗެކިން ސިސްޓަމް ވެސް ހުއްޓިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރާ ކަމަށް މީގެ އިރުކޮޅެއް ކުރިން ބުނެފައިވެ އެވެ.