ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓްގެ ޚިދުމަތާއެކު ދިރާގު ޓީވީގެ ޚިދުމަތް ހއ. އުތީމުގައި ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.

ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން މި ދެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކުރީ އުތީމުގެ ރައްޔިތުންނަށް ޚާއްސަ އޮފާތަކާއެކު ކަމަށެވެ. އެގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ޚާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ޚިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް. އަދި ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް ވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެ. އެގޮތުން އުތީމުގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ،" ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 ޕަސެންޓަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު، މީގެ ތެރޭގައި 91 ރަށެއް ހިމެނެ އެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ.

އެ ކުންފުނިން ބުނިގޮތުގައި ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 85 ޕަސެންޓް ރަށަކަށް ދިރާގުޓީވީގެ ޚިދުމަތް ފޯރުކޮށްދީފައި އެވެ.

"ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުން. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ،" ދިރާގުން ބުންޏެވެ.