އިންޑިއާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދައުވަތު ދެއްވައިފި އެވެ.

ރާއްޖެއަށް އިންވެސްޓުކުރަން އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު ދެއްވާފައިވާއިރު، ރައީސް ވަނީ، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ފޯރަމްގައި ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މިހާރު މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުންކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އަމާޒުހިފާފައި ވަނީ ވިލުންތެރި، ތިމާވެށްޓާ ރަޙްމަތްތެރި އަދި ސިންދަފާތު އިގްތިސޯދެއް ބިނާކުރުމަށް ކަމަށާއި، އެހެންކަމުން އިގްތިސޯދުގެ ތެރެއިން ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުޞަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިވި ދަތިކަމުން އަރައިގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ވެސް ކޮވިޑް ބަލިމަޑުކަމުގެ ކުރީގައި އޮތް މިންވަރަށް ރުޖޫޢަ ކުރެވިފައިވާކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލުކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ރައީސް ވަނީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި، ރައީސްގެ ވާހަކަފުޅުގައި، ތިމާވެށި ހިމާޔަތްކޮށް ޤުދުރަތީ މާހައުލުގެ މުއްސަނދިކަން ދެމެހެއްޓުމަކީ ޒަމާނުއްސުރެ ރާއްޖޭގެ މީހުން ދިރިއުޅެމުންދިޔަ ގުދުރަތީ މާހައުލާ ގުޅިފައިވާ ޖަޒީރާވަންތަ ދިރިއުޅުން އެގޮތުގައި ކުރިޔަށްގެންދިއުމަށް ވެސް މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ރައީސް ވިދާޅުވިގޮތުގައި، އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެކެވެ.

އެގޮތުން ދެ ގައުމުގައި ހުރި ތަފާތު ވަސީލަތްތަކާއި ދެ ގައުމުގެ ސައިޒުގެ ގޮތުން ދެ ގައުމުގެ ކުރިއެރުމަށް ވެސް ފައިދާކުރަނިވި ނަމޫނާ ޕާޓްނަޝިޕެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެ އެވެ. އަދި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، އިންޑިއާއާއެކު ގާތް ރަހުމަތްތެރި ގުޅުމެއް ބޭއްވުމަށް ކަމަށް ރައީސް ފާހަގަކުރައްވާފައިވެ އެވެ.