ކުރިއަށް އޮތް ތަނުގައި ޓޫރިސްޓުން ރާއްޖެ އަންނާނީ ވެކްސިން ޖަހައިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.

ސީއެންއެންގެ "ފަސްޓް މޫވް" ޕްރޮގްރާމްގައި، އަންނަ އަހަރު މިހާ ހިސާބުގައި ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުންނަކީ ވެސް ވެކްސިން ޖަހައިގެން އަންނަ ބައެއްގެ ގޮތުގައި ލާޒިމް ކުރައްވާނެތޯ ރިޗަޑް ކުއެސްޓް ކުރެއްވި ސުވާލަށް ޖަވާބުގައި މިނިސްޓަރު މައުސޫމު ވިދާޅުވީ، ރާއްޖެ އުފެދިފައި އޮންނަ ގޮތުން ރާއްޖެއަކީ ރައްކާތެރި ގައުމެއް ކަމަށެވެ. ނަމަވެސް އުންމީދަކީ ރާއްޖޭގެ ހުރިހާ އެންމެންނަށް ވެސް ވެކްސިން ލިބިގެން ދިއުން ކަމަށާއި، ހަމަ އެގޮތަށް ރާއްޖެ އަންނަ ޓޫރިސްޓުންނަކީ ވެސް ވެކްސިން ޖަހައިގެން އަންނަ ބަޔަކަށް ވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ވެކްސިން ޖަހާނެ. އަޅުގަނޑު އުއްމީދުކުރަނީ ރާއްޖެ ޓޫރިސްޓުން އަންނަނީ ވެކްސިން ޖަހައިގެން ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ސީއެންއެންގެ ފަސްޓް މޫވް ޕްރޮގްރާމަށް އިންޓަވިއު ދެއްވަނީ

ޑރ. މައުސޫމް ވިދާޅުވީ، ޓޫރިސްޓުން މިހާރު ރާއްޖެ އަންނައިރު 96 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރް ޓެސްޓެއް ހުށަހަޅަންޖެހޭ ކަމަށެވެ. މިކަމުގެ ސަބަބުން ރައްކާތެރިކަން ޔަގީންކޮށްދޭ ކަމަށާއި ނަމަވެސް ޓެސްޓިން ރޫޓިންއަކީ ބަދަލުވަމުންދާ އެއްޗެއްކަން ފާހަގަ ކުރައްވައި ޑރ. މައުސޫމް ވަނީ މިއަށްވުރެ އަވަސް މުއްދަތެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ޓެސްޓްކުރާ މުއްދަތު ވީހާ ވެސް އަވަހަށް ބަދަލުވާނެ ކަަމަށް އުއްމީދުކުރަން. ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން މުޅި ދުނިޔެއަށް ސާބިތުކޮށްދޭން ޖެހޭ. މުޅި ދުނިޔެއިން މިހާރު ވެސް ޓޫރިސްޓުން ރާއްޖެއަށް އެބަ އާދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ސީއެންއެންގެ ރިޗަޑް ކުއެސްޓަށް އިންޓަވިއު ދެއްވަނީ

ޑރ. މައުސޫމް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 އިގެ ކޭސްތައް ހުރި ނަމަވެސް ރާއްޖޭ އުފެއްދިފައި އޮންނަ ގޮތުން ރާއްޖެއަކީ ރައްކާތެރި ގައުމެއް ކަމަށެވެ. އަދި މިހާރު ވެސް ރާއްޖެއިން ފުރައިގެންދާ ޓޫރިސްޓުންގެ ޕޮޒިޓިވް ރޭޓް އުޅެނީ 0.23 ޕަސެންޓްގައި ކަމަށާއި މިހާތަނަށް ބޯޑަރު ހުޅިވިފަހުން ޓޫރިސްޓުންގެ ތެރެއިން ސީރިއަސް ކޭސްއެއް ފެނިފައި ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ރާއްޖެއަށް މިހާރު އަންނަ ޓޫރިސްޓުން ކުރިއަށް ވުރެ ގިނަ ދުވަހަށް މިހާރު މަޑު ކުރާ ކަމަށާއި، ކުރިމަގުގައި ވޯކޭޝަން ފަދަ ކަންކަން އިތުރަށް ފަހިވެގެންދާ ގޮތަށް އިސްލާހުތަކެއް ވެސް އެބަ ގެނެވޭ ކަމަށެވެ.