ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާމް، ކޭޕީއެމްޖީގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު އައްޔަންކުރިކަން އެ ކުންފުނިން އިއްޔެ އިއުލާނުކޮށްފި އެވެ

މިއީ މިފަދަ ބޮޑު ކޮންސަލްޓަންސީ ފާމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.

"1ޑިސެމްބަރ 2020 ން ފެށިގެން ކޭޕީއެމްޖީ މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި މިހާދު އައްޔަންކުރުމުން މަރުހަބާ ދަންނަވަން،" ކޭޕީއެމްޖީން އާދީއްތަ ދުވަހު އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

އުމުރުން 26 އަހަރުގައި އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ވަޑައިގެންނެވި މިހާދަކީ ރާއްޖޭގެ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި ފުރުއްވި އެންމެ ޒުވާން ސީއެފްއޯ އެވެ.

މިހާދު އަކީ އިނިގރޭސި ވިލާތުގެ ޗާޓެޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓްސްގެ މެމްބަރެކެވެ. އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން އެޕްލައިޑް އެކައުންޓިން އިން ބެޗެލާސް ހާސިލްކުރައްވާފައިވާ މިހާދު ވަނީ އެސްޓީއޯގައި 11 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފަ އެވެ.