ރާއްޖެއަށް އެތެރެކޮށްފައިވާ އައިސްކްރީމެއްގައި ނުރައްކާތެރި ކެމިކަލެއް ހުރުމުން އެ އައިސްކްރީމް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ގްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭ އިން ބުނީ ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮ ފުޑް އެންޑް ފީޑްއިން ޕެސްޓިސައިޑްއިން ތަޣައްޔަރުވެފައިވާ ފަރެންސޭސިވިލާތުގެ "ހާގެންޑާޒް" ބްރޭންޑްގެ އައިސްކްރީމް ރާއްޖެއަށް އެތެރެވެފައިވާކަން އެ އިދާރާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. މިއާއެކު މީގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުރި ހިރާސްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހާގެން-ޑާޒް ބްރޭންޑްގެ 12 ބާވަތެއްގެ އައިސްކްރީމް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން ހުއްޓާލަން އެމްއެފްޑީއިން އަންގާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ވެނީލާ ފްލޭވާގެ 8 ބާވަތަކާއި ބެލްޖިއަން ޗޮކްލެޓް ފްލޭވާ އާއި ކުކީސް އެންޑް ކްރީމްއާއި ކުކީސް އެންޑް ކްރީމް އެސްޕީކޭގެ އިތުރުން ވެނީލާ ކްރީމް އެންޑް އަލްމޮންޑެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ބޭނުންވާނަމަ އެމްއެފްޑީއޭގެ ނަންބަރު 3014361 އަށް ގުޅާ މަޢުލޫމާތު ސާފުކުރެއްވުމަށް އެ އިދާރާއިން އެދެ އެވެ.