ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަށް ގަތުމުގެ ލައިސަންސް ބޭރުގެ އުޅަނދުފަހަރަށް ދިނުމާ ބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީއިން އެކުލަވާލި އެގަވައިދުގެ މައިގަނޑު މަގުސަދު ތެރޭގައި ކަނޑުމަސް އެކްސްޕޯޓުކުރުމުގެ ވިޔަފާރީގެ ވާދަވެރިކަން އިތުރުކުރުމާއި، މިނިސްޓްރީގެ ފަރާތުން ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސަންސް ދޫކޮށްފައިވާ އުޅަނދުތަކުން ބާނާ ކަނޑުމަހުގެ ބާވަތްތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަތުމުގެ ލައިސަންސް މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ދިނުމުގައި އަމަލުކުރާނެ އިޖުރާއަތުތައް ބަޔާން ކުރުން ހިމެނެ އެވެ.

މިހާރު އަމަލުކުރަން ފަށާފައިވާ ގަވައިދުގައިވާ ގޮތުން ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސް ގަތުމަށް ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހަށެވެ. އަދި ލައިސަންސް ދޫކުރުމަށް އެދި ހުށަހެޅޭނީ ހަމައެކަނި ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށެވެ. އަދި ލައިސެންސަށް އެދި ހުށަހަޅާ ފަރާތުން މަސްގަތުމަށް ބޭނުންކުރަންވާނީ ބޭރުގެ އުޅަނދެއް ކަމަށާއި، ގަވާއިދުގެ ބޭނުމަށް ލައިސެންސަށް އެދި ހުށަހަޅާ ފަރާތް ބަލާނީ، އެއީ މަސް ގަތުމުގައި ބޭނުންކުރާ މަސް ގަންނަ ބޭރުގެ އުޅަނދުގެ އޮޕަރޭޓަރުގެ ގޮތުގައިކަމަށް ބުނެފައިވެ އެވެ.

މި ގަވާއިދުގެ ދަށުން ކަނޑުމަސްގަތުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހަޅާ ފަރާތުން ކަނޑުމަސް ގަތުމަށް ބޭނުންކުރާ މަސްގަންނަ ބޭރުގެ އުޅަނދުގައި ހުންނަންޖެހޭގެ ޝަރުތުތައްވަނީ ކަނޑައަޅާފަ އެވެ. އެގޮތުން 500 މެޓްރިކްޓަނުގެ ކެޕޭސިޓީއެއް ހުރުމާއި، ޖިނާއީ ކުށެއްގައި އެއްވެސް ގައުމެއްގެ އިދާރާއަކުން ލިސްޓުކޮށްފައިވާ އުޅަނދެއް ކަމުގައި ނުވުން ހިމެނެ އެވެ.

މަސްގަންނަ އުޅަނދުގައި، ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ކަނޑައަޅާ ވެސަލް ލޮކޭޓިންގ ޑިވައިސްއަކާއި އިލެކްޓްރޯނިކް އޮބްޒާވާ ސިސްޓެމެއް އުޅަނދުގައި ހަރުކުރަންޖެހެ އެވެ. އަދި އެއްވެސް ސަބަބެއް ދިމާވެގެން، މަސްގަންނަ ބޭރުގެ އުޅަނދުގައި ހަރުކޮށްފައިވާ ވެސަލް ލޮކޭޓިން ޑިވައިސް ނުވަތަ އިލެކްޓްރޯނިކް އޮބްޒާވާ ޔުނިޓުގެ ހިދުމަތް މެދުކެނޑިފައިވަނިކޮށް، ކަނޑުމަސް ގަތުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ވެސް މި ގަވާއިދުގައި ބުނެފައިވެ އެވެ.

މަސްގަންނަ ބޭރުގެ އުޅަނދުފަހަރަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުމަސް ގަތުމުގެ ލައިސަންސް ދިނުމާއި ބެހޭ ގަވާއިދާ ހިލާފަށް މަސް ގަންނަ ބޭރުގެ އުޅަނދުތައް 800،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެކަމަށް ބުނެފައިވެ އެވެ. އަދި ދޮށީގެ މަސްވެރިކަން ކުރުމުގެ ލައިސެންސެއް ނެތް ދޯންޏަކުން ބާނާފައިވާ މަސް ގަންނަ ނަމަ، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި، ވެސަލް ލޮކޭޓިން ޑިވައިސް ނިއްވާލައިފި ނަމަވެސް އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް މި ގަވާއިދުގައިވެ އެވެ.

މީގެ އިތުރުވެސް އެކި އެކި ކުށްތަކާއި އެކު ކުށްތަކަށް ކަނޑައަޅާފައިވާ އަބަދުތައް މި ގަވާއިދުގައިވެ އެވެ.