ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އިން މާލޭގައި ފަށާ މިނީ ބަހުގެ ހިދުމަތް ފުރަތަމަ ދެ ހަފްތާގައި ދޭނީ ހިލޭ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީއިން ވަނީ މާލޭ އާއި ތިން އަތޮޅެއްގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ ބަސްތައް މިދިޔަ މަހު ރާއްޖެ ގެނެސްފަ އެވެ. އެގޮތުން 36 ބަހެއް ރާއްޖެއަށް ގެނެސްފައިވާއިރު 12 ބަހެއް މާލޭގައި ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބާކީ ހުރި 24 ބަސް ބޭނުންކުރާނީ އަތޮޅުތަކުގައި އެވެ. މިއީ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

މާލެ އިތުރުން އައްޑު އާއި ފުވައްމުލަކުގެ އިތުރުން ލ. އަތޮޅުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު އެ ތިން އަތޮޅުގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު މާލޭގައި ބަހުގެ ހިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެމްޓީސީސީ އާއި މާލެ ސިޓީ ކައުންސިލުން މިހާރު އަންނަނީ ބަސް ހުއްޓިތައް ހަރުކުރުމާއި މަގުތަކުގެ ޕާކިންތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިކަމާ ބެހޭ ގޮތުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލޭގައި ވެސް މިނީ ބަސް ފެށުމަށްފަހު ޓެސްޓް ދަތުރުތައް ކުރުމަށްޓަކައި ފުރަތަމަ ދެ ހަފްތާގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އަދި އަގު ނެގި ނަމަވެސް މި ބަސްތަކުން ސްކޫލްކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށް ހިލޭ ދަތުރުކުރޭވެނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުގެ ތެރޭގަ އެވެ.