ދިރާގުން މަމްސް އެންޖީއޯއިން ކުރިއަށް ގެންދާ "ބެކް ޓު ސްކޫލް 2022" ޕްރޮގްރާމްއަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ދިރާގުން ބުނިގޮތުގައި މި ޕޮރޮގްރާމްގެ ދަށުން މަމްސް އެންޖީއޯއިން ދަނީ އެހީ ބޭނުންވެފައި ތިބި ގިނަ އާއިލާތަކުގެ ކުދިންނަށް މި ދިރާސީ އައު އަހަރަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށްދެމުންނެވެ.

މި ޕްރޮގްރާމްގެ ދަށުން މަމްސް އެންޖީއޯގެ ކެއާ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ ބައެއް އާއިލާތަކުގެ ތެރެއިން ދިރާސީ އައު އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ އާއިލާތަކަށް ބޭނުންވާ ބޫޓު، އިސްޓާކީނު އަދި ޔުނީފޯމް ސެޓްތައް ދީފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

"ބެކް ޓު ސްކޫލް 2022" އަށް އެކި ފަރާތްތަކުން ވެދީފައިވާ އެހީތެރިކަމާއިއެކު މިއަހަރު މަމްސް އެންޖީއޯއިން ވަނީ ހާލުގައި ޖެހިފައިވާ އާއިލާތަކަށް މިހާތަނަށް 134 ކެއާ ޕެކޭޖް ބަހާފަ އެވެ.

މަމްސް އެންޖީއޯއަކީ މުޖުތަމަޢުގައި އެންމެ އެހީތެރިކަން ބެނުންވެފައިވައި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މީގެ ތެރޭގައި އެހީތެރިކަން ލިބުމުގައި ގޮންޖެހުންތައް ތަހައްމަލް ކުރަމުންދާ އެކަނިވެރި މައިން ހިމެނެ އެވެ.

ދިރާގުން ދަނީ ކުޑަކުދިންނަށް އެހީތެރިވުމާއި މުޖުތަމަޢު ބާރުވެރިކުރުމުގެ ދާއިރާއިން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.