ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު"ގެ ދަށުން ހދ. ކުރިނބީގައި ކަސްރަތުކުރަން އައުޓްޑޯ ޖިމެއް ހަދައިފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އެ ޖިމަކީ ކުރިނބީގެ ރައްޔިތުންނަށް ދުޅަހެެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން އެ ރަށު އާދަމް ޝަޒީމް އިސްނަގައިގެން އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމަންޓް އިން ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

ކުރިނބީގައި ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައި އޮންނަ ސަރަހައްދުގައި ހުޅުވި އެ ޖިމްގައި ކަސްރަތު ކުރުމަށް ތަފާތު ހަތް އައުޓްޑޯ އިކުއިޕްމަންޓް ހިމެނެ އެވެ. މީގެ ތެރެއިން ތިން މެޝިނަކީ ކޮމިއުނިޓީ ފަންޑުގެ އެހީގައި ފޯރުކޮށްދީފައިވާ ތަކެއްޗެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހދ. ކުރިނބީގައި ހެދި ޖިމް. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ މެނޭޖަ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ރަށުގެ ރައްޔިތުންނަށް ދުރު މުސްތަގްބަލުގައި ވެސް ފައިދާ ކުރާނެ ޕްރޮޖެކްޓްތަކަކަށް ވުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ކޮމިއުނިޓީ ފަންޑުގެ ދަށުން ގާއިމްކުރި މި ޖިމަކީ ވިލުފުށީގެ ކުދި ބޮޑު އެންމެންނަށް ވެސް ދުޅަހެޅޮ ސިއްހަތެއްގައި ހުރުމަށް ބޭނުން ކުރެވޭނެ އިކުއިޕްމަންޓާއެކު ގާއިމް ކުރި ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަށިހެޔޮ އަދި ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމަށް އެކި ހަރަކާތްތައް ހިންގުމަކީ އަޅުގަނޑުމެން ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ބައި. މި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ނިންމާލުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން،" ސައީދު ވިދާޅުވި އެވެ.

ޕްރޮޖެކްޓް ކާމިޔާބު ކުރެއްވި އާދަމް ޝަޒީމް ބުނީ އެ ޕްރޮޖެކްޓްގެ ބޭނުމަކީ އެ ރަށުގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި ކަސްރަތަށް އަހުލުވެރިކުރުވުން ކަމަށެވެ. އަދި އެ ރަށުގައި ކަސްރަތު ކުރުމަށް ސަރަހައްދެއް ގާއިމްވެފައި ނުވާތީ ގިނަފަރާތަކަށް ކަސްރަތު ކުރުން ވަނީ ދަތި އުދަނގޫ ކަމަކަށްވެފައިވާ ކަަމަށް ވެސް އޭނާ ބުންޏެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީގައި ހދ. ކުރިނބީގައި ހެދި ޖިމް. ފޮޓޯ: ބީއެމްއެލް

"އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކަށްވީ ހިތުގެ ބަލި، ޑައިބެޓިކްސް، ޕްރެޝަރު މަތިވުން ފަދަ ބަލިތަކުން ރައްކާތެރިވުމަށް އަދި އަމިއްލައަށް ވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރުމަށް އެހީވުން. މިއީ މި ރަށުގެ ރައްޔިތުންނަށް ވަރަށް ވެސް ހާއްސަ ޖިމް އަކަށް ވާނެކަމަށް އުއްމީދުކުރަން. މި މަސައްކަތައް ރަށުގެ ރައްޔިތުންނާއި ކުރިނބީ ޔޫތް މޫވްމަންޓުގެ ފަރާތުން ކުރެއްވި ބުރަ މަސައްކަތައް ހާއްސަ ޝުކުރުރެއް އަދާކުރަން،" އާދަމް ޝަޒީމް ބުންޏެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދީފައިވެ އެވެ.