ދާދި ފަހުން ބީއެމްއެލްގެ އެކައުންޓްތަކުން ކަނޑާފައިވާ ފައިސާއަކީ ސްކޭމެއް ނޫން ކަމަށާއި އެއީ އެކައުންޓްތަކުން ދައްކަންޖެހި، އޮންހޯޑުގައިހުރި ފައިސާތަކެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.

ބީއެމްއެލް އިން މިހެން އަންގާފައިވަނީ މިއަދު ސޯޝަލް މީޑިއާގަ އެވެ. އެ އެންގުމުގައިވާ ގޮތުން ބޭންކުން ކަނޑާފައިވަނީ ހައްގު ފައިސާ ކަމަށާއި އެއީ ކުރިން ޕްރޮސެސް ނުކުރެވި ހުރި ފައިސާކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ބީއެމްއެލްއިން އިތުރަށް ބުނެފައިވަނީ އިންޓަނެޓް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ކަނޑާފައިވާ ފައިސާއާއި ބެހޭ މައުލޫމާތު/ ތާރީޚު ފެންނަން ހުންނާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން ކުރިމަތިވެފައިވާ ދަތި އުނދަގޫތަކަށް މާއާފަށް އެދޭ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބޭއެމްއެލްގެ ނަމުގައި ކަސްޓަމަރުންނަށް ލިބޭ ސްކޭމް އީމެއިލްތަކާއި ބެހޭ ޝަކުވާ އެ ބޭންކަށް ލިބެމުންދާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ފޭކް އީމެއިލްތަކެއް ކަމަށާއި އެކައުންޓްތައް ވެރިފައި ކުރަން އަހާފައިވާ އީމެއިލްތަކަށް ޖަވާބު ނުދިނުމަށް އެ ބޭންކުން ވަނީ އެދިފައިވެ އެވެ.

ބީއެމްއެލް އިން ވަނީ ހުއްދަނެތި ކަސްޓަމަރެއްގެ އެކައުންޓުން އެއްވެސް ފައިސާގެ މުއާމަލާތެއްކޮށްފައިވާ ކަމަށް ފާހަގަ ކުރެވޭނަމަ ކާޑް ޓްރާންސެކްޝަން ޑިސްޕިއުޓް ފޯމްއެއް ހުށަހަޅަން ވަނީ އެދިފަ އެވެ. އަދި އެ ފޯމް ހުށައެޅުމަށްފަހު އެކަމަށް އެހީތެރިކަން ލިބޭނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

މިއެންގުން ބީއެމްއެލްއިން އަންގާފައި މިވަނީ ވާނުވާއެއް ނޭނގި ކަސްޓަމަރުންގެ ބޭންކް އެކައުންޓްތަކުން ފައިސާ ކެނޑެމުންދިޔަ މައްސަލައާ ގުޅިގެން އާންމުން އަޑުއުފުލާ ދުވަސްވަރެއްގަ އެވެ.

ބީއެމްއެލްއާ ގުޅޭ ގޮތުން ޝަކުވާ ސޯޝަލް މީޑިއާ އަދި އެހެނިން ވަސީލަތްތަށް މެދުވެރިކޮށް އުފުލަމުންދާތީ ބީއެމްއެލްގެ އިސްވެރިންނާ ސުވާލުކުރުމަށް ރަށްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފަ އެވެ.