މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި މާލޭ ވޯޓާ އެންޑް ސެވަރޭޖް ކަމްޕެނީ ލިމިޓެޑް(އެމްޑަބްލިޔުއެސްސީ) އާއި ދެމެދު ފަންނީ ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ފަހުމުނާމާއެއްގައި ސޮއި ކޮށްފި އެވެ.

މިފަހުމުނާމާގައި ސޮއިކޮށްފައިވަނީ، މިއަދު އެމްޑަބްލިޔުއެސްސީގައި ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ޕްރޮގުރާމް އާދަމް ހަލީމް އެވެ. މި ރަސްމިޔާތުގައި އެމްއައިޓީ އާއި އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިފަހުމުނާމާގެ ދަށުން، އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން އެކި ދާއިރާތަކުން ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މުވައްޒަފުން ބިނާކުރަން ބޭނުންވާ ތަފާތު ފަންނުގެ ކުރު ކޯސްތައް އެމްއައިޓީ އިން ހިންގައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި، އެމްޑަބްލިޔުއެސްސީ އިން ބޭނުންވާ ދާއިރާތަކުން ޕްރޮގުރާމްތައް ހިންގުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ގަބޫލްކުރާ ފެންވަރަށް ސިލަބަސް އަދި ކޯސް ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް އެމްއައިޓީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން، މި ފަހުމުނާމާގެ ދަށުން، އެމްއައިޓީއިން ތައްޔާރުކުރާ ޓެކްނިކަލް ޕޮރްގްރާމްތަކަށް ބޭނުންވާ ފަންނީ ލަފާޔާއި އެހީތެރިކަން އެމްޑަބްލިޔުއެސްސީ އިން ފޯރުކޮށްދިނުމާއި، އެމްއައިޓީގައި ކިޔަވާ ދަރިވަރުންނަށް އެމްޑަބްލިޔުއެސްސީ މެދުވެރިކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ. އަދި މިރަސްމިއްޔާތުގައި އެމްއައިޓީއިން ކުރިޔަށް ގެންދިޔަ ޝޯޓް ކޯސް އޮން ވެލްޑިން ޓެކްނިކްސް އަދި ސެޓްފިކޭޓް 3 އިން ލޭންޑް ސާވޭއިން ކޯސް ފުރިހަމަކޮށްފައިވާ މިކުންފުނީ މުވައްޒަފުންނަށްވަނީ ސެޓްފިކޭޓް ހަވާލުކޮށްފަ އެވެ. މިފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއައިޓީ ގެ ޑިރެކްޓަރ އޮފް ޕޮރްގްރާމް އާދަމް ހަލީމާއި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

އެމްޑަބްލިޔުއެސްސީ ގެ އުންމީދަކީ މިފަހުމުނާމާގެ ސަބަބުން، ތަފާތު އެކި އެކި ފަންނީ ދާއިރާތަކުން ހާއްސަގޮތެއްގައި ފެނާއި ނަރުދަމާ އާއި ގުޅުން ހުރި ދާއިރާތަކުން ފަންނީ ތަމްރީން ލިބިފައިވާ މީހުން ބިނާވެގެން ދިޔުމަށް މަގުފަހިވެގެންދާނެވެ. އަދި ދެމެހެއްޓެނެވި ގޮތެއްގައި ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް އެއްދުވަހުން އަނެއްދުވަހަށް އިތުރަށް ތަރައްޤީކޮށް ކުރި އެރުވުމަކީ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ.