މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 42 ޕަސެންޓް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް 15.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދަށް ވުރެން 42 ޕަސެންޓް އިތުރު އަދަދެކެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައި ހިއްސާކުރަނީ ޓެކްސްއިން ލިބޭ އާމްދަނީ ކަމަށްވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް 11.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 7.8 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ހަރަދުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް ހުރީ 20.7 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ކުރި ހަރަދުތަކާއި އަޅާބަލާއިރު 23 ޕަސެންޓް އިތުރު އަދަދެކެވެ. ދައުލަތުގެ ހަރަދު 20.7 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އޭގެތެރެއިން 15.5 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ހަރަދެވެ.

އިދާރީ އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި އަހަރުގެ މިހާތަނަށް 9.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ.