ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަސައްކަތަށް އިންޑިއާގެ އިންޑިއާގެ މޯހަން މުތާ (އެމްއެމް) އެކްސްޕޯޓުން ގެނައި ހެވީ ވެހިކަލްތަކާއި އެހެނިހެން އުޅަނދުތައް ގާނޫނާ ހިލާފަށް އެހެން ކުންފުނިތަކަށް ކުއްޔަށްދޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހިއްކައިގެން ތަރައްގީކުރާ ރަށުގެ މަގުތައް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެމްއެމް އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮން ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާއާ ހަވާލުކުރީ 40.3 މިލިއަން ޑޮލަރު (621.4 މިލިއަން ރުފިޔާ) އަށް އޮކްޓޯބަރު 28، 2015ގަ އެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް އެ ކުންފުނިން ވެހިކަލްތައް އެތެރެކުރީ މަސައްކަތް ނިމުމުން އަނބުރާ ގެންދަން ޖެހޭ ގޮތަށެވެ. އެހެންވެ އެ ވެހިކަލްތަކަށް ޑިއުޓީ ދައްކާކަށް ނުޖެހެ އެވެ. ކަސްޓަމްސްގެ ގާނޫނުގެ 118 ވަނަ މާއްދާގައިވާ ގޮތުން ވަކި ހާއްސަ މަޝްރޫއަކަށް ބޭރުގެ ކުންފުންޏަކުން އެތެރެކުރާ ވެހިކަލްތައް އެ މަޝްރޫއެއް ނިންމުމަށްފަހު އަނބުރާ ގައުމަށް ގެންދަން ޖެހެ އެވެ. ނުގެންދާ ނަމަ އެ ވެހިކަލްތައް އެހެން ކަމަކަށް ބޭނުންކުރެވޭނީ ޑިއުޓީ ދައްކައިގެންނެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓުން ގެނައި ލޭންޑިން ކްރާފްޓެއް އައްޑޫ ފަޅުގައި.

ޑިއުޓީ ނުދައްކާ ހަމައެކަނި އެ މަޝްރޫއުގެ ބޭނުންތަކަށް އެތެރެކޮށްފައިވާ ވެހިކަލްތައް އެމްއެމް އެކްސްޕޯޓުން މިހާރު ދަނީ ރާއްޖޭގައި ވިޔަފާރި އުސޫލުން ކުއްޔަށް ދެމުންނެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކާ ދެމެދު މުދާ އުފުލަން އެމްއެމް އެކްސްޕޯޓްގެ ލޭންޑިން ކްރާފްޓެއް ބޭނުންކުރާއިރު، ތިލަމާލެ ބްރިޖް މަޝްރޫއު ހިންގާ ކުންފުންޏަށް "މުތާ ސަކްސެސް" ކިޔާ ބާޖު ވެސް ކުއްޔަށްދީފައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓުން ގެނައި ލޭންޑިން ކްރާފްޓެއް.

މީގެ އިތުރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަޝްރޫއަށް އެމްއެމް އެކްސްޕޯޓުން ގެނައި ހެވީ ވެހިކަލްތަކުގެ ތެރޭގައި ޓްރަކްތަކެއް ވެސް މާލެ ސަރަހައްދުގައި ހިންގާ އެކި މަސައްކަތްތަކަށް ކުއްޔަށް ދެމުންގެންދެ އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެމްއެމް އެކްސްޕޯޓުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އަދި އެ މައްސަލަ އަމިއްލަ ފަރާތަކުން ވަނީ މޯލްޑިވްސް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓުން ގެނައި ޓްރަކެއް.

އެ ކޮމިޝަނަށް އެ މައްސަލަ ހުށަހެޅީ ކަސްޓަމްސްގެ ގާނޫނާ ހިލާފަށް އެމްއެމް އެކްސްޕޯޓުން އެ ވެހިކަލްތައް ކުއްޔަށްދީގެން އާމްދަނީ ހޯދާ ކަމަށް ތުހުމަތުކުރެވޭތީ އެވެ. އަދި އެ ކުންފުނިން ކަސްޓަމްސް ގާނޫނުގެ 118 ވަނަ މާއްދާއާ ހިލާފަށް އަމަލުކުރަމުންދާތީ ރާއްޖޭގައި އެ ވިޔަފާރިކުރާ ކުންފުނިތަކަށް އެކަމުގެ ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.