ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޔޮޓްމެރީނާ އަކާއި ކްރޫޒް ޓާމިނަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިއުލާންކޮށްފި އެވެ.

ހުޅުމާލޭގެ ތަރައްގީކޮށް ހިންގާ ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ. އަދި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުޅުމާލޭގެ އިންވެސްޓްމަންޓް ގައިޑްލައިނާ އެއްގޮތަށް އީއޯއައި އީމެއިލް މެދުވެރިކޮށް މިމަހުގެ 16 ވަނަ ދުވަހުގެ 3:30ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.

ހުޅުމާލޭގައި ހަދަން ނިންމާފައިވަނީ އެއްފަހަރާ ކިތައް ޔޮޓް ކައިރިކުރެވޭވަރުގެ މެރީނާއެއް ކަމެއް އަދި ކްރޫޒް ޓާމިނަލްގެ އެއްވެސް ތަފުސީލެއް އެ އިއުލާނުގައި ހިމަނާފައެއް ނުވެ އެވެ. އަދި އެތަން ތަރައްގީކޮށް ހިންގަން ދޭނީ ކިތައް އަހަރަށް ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

އެޗްޑީސީން ހުޅުމާލޭގައި ޔޮޓް މެރީނާއެއް ހަދަން އިއުލާންކުރިއިރު، މާލެ ކައިރީގައި އޮންނަ އެނބޫދޫފަޅުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށްފައިވެ އެވެ.