ތިމާވެއްޓާ ރައްޓެހިކޮށް ތައްޔާރުކޮށްފައިވާ އާ އުފެއްދުން ތަކެއް އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް)އިން ބާޒާރަށް ނެރެފި އެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ތާޒާގެ އާ އުފެއްދުންތައް ނެރެދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމާއި އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް)ގެ ޗެއާމަން ހަސަން ޝާހު އަދި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރެވެ.

އެމްޑަބްލިއުއެސްސީގެ ދަށުން ހިންގާ އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން މިހާރު ބާޒާރަށް ނެރެފައިވާ ފެންފުޅިތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ބާވަތުގެ ޕްލާސްޓިކް ފުޅިތަކެކެވެ. އެހެންނަމަވެސް އަލަށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އައު ތިން އުފެއްދުމަކީ އެއް ލީޓަރާއި 500 ލީޓަރުގެ ތާޒާ ބިއްލޫރި ފުޅިއާއި، ޑިސްޕެންސަރަށް ލައްވާ 19 ލީޓަރުގެ "ތާޒާ 5ޖީ" ބޮޑެތިފުޅި އެވެ.

އެއީ އެއްފަހަރަށް ވުރެ ގިނައިން ބޭނުން ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓްތަކެކެވެ.

ތާޒާއިން ރޭ އަލަށް ނެރުނު އުފެއްދުންތައް ލޯންޗްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ވާހަކަދައްކަވަނީ. ފޮޓޯ: އައިބީއެމް

މި ޕްރޮޑަކްޓްތައް ލޯންޗުކުރީ އައިބީއެމް އަށް 20 އަހަރު ފުރޭ މުނާސަބަތުގައި ފެށި "ތާޒާ ވެށި" ކެމްޕޭނުގެ ދަށުން ހިންގާ ހަރަކާތްތަކުގެ ދަށުންނެވެ.

"ތާޒާ ވެށި" ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ނޫންގޮތެއް ހޯދުމަށް އުފެއްދި އާ ޕްރޮޑަކްޓްތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ބީޗް ކްލީން އަޕް ޕްރޮގްރާމްތަކެއް ހިންގަން ވަނީ ހަމަޖެހިފަ އެވެ.

ތާޒާ ބްރޭންޑުގެ އައު އުފެއްދުންތަކެއް ތައާރަފްކޮށްފައިވާއިރު، އެއުފެއްދުންތައް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ބާޒާރުން ލިބެން ހުންނާނެ އެވެ. އަދި އެކުންފުނީގެ ހޮޓްލައިން 1619 އަށް ގުޅައިގެން އޯޑަރު ދެވޭނެ ކަމަށް ވެސް އައިބީއެމުން ބުނެ އެވެ.

ތާޒާގެ އުފެއްދުންތަކަކީ ތިން ފަހަރެއްގެ މަތިން ފިލްޓަރުކޮށް، ލެބް ޓެސްޓުކޮށް އޭގެ ރައްކާތެރިކަން ޔަގީންކުރުމަށް ފަހު ހަށިގަނޑަށް ފައިދާ ހުރި ބައެއް ކަހަލަ މިނަރެލްސް އަޅައިގެން އުފައްދާފައިވާ ބުއިންތަކެކެވެ.